ދުނިޔެ

އުރުދުންގައި ހުންނަ އިޒްރޭލު އެމްބަސީ ދޮށުގައި ހަމަނުޖެހުންތަކެއް

ޣައްޒާގެ ހޮސްޕިޓަލްތަކަށް ޔަހޫދީ ސިފައިން ވަދެގަނެ ހިންގަމުން ގެންދާ ޖަރީމާތަކާ ދެކޮޅު ހެދުމަށް އުރުދުންގެ ވެރިރަށް އަންމާންގައި ހުންނަ އިޒުރޭލު އެމްބަސީ ދޮށަށް އާންމުން އެއްވެ ހަމަނުޖެހުން ހިންގައިފި އެވެ.

މި ހަމަނުޖެހުންތައް މައިތިރިކުރުމަށް އަމަން ބަހަލައްޓާ ފުލުހުން ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން މީހުންތައް ވަނީ ދުރައްޖައްސައި ވަކި އިމަކަށް ދުރަށް ފޮނުވާފަ އެވެ.

އިޒުރޭލުގެ ހަމަލާތައް ހުއްޓާލަން ގޮވާލައި އަދި މަރުވަމުންދާ މީހުންނަށް އޮތް ލޯބި ފާޅުކުރަން އެއްވި މީހުން އިޒުރޭލުގެ އެމްބަސީއަށް ވަދެގަންނަން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންމާންގައި ހުންނަ އިޒުރޭލު އެމްބަސީ ހުންނަނީ ވަރަށް ވަރުގަދައަށް ގާޑުކޮށް ހިމާޔަތްކޮށްފަ އެވެ.

ސަފުތައް ފަޅާލައި ވަދެގަތުމަށް މަސައްކަތްކުރި މީހުންނަށް ވަރަށް ބޮޑެތި އަނިޔާ ލިބިފައިވާ ކަމަށްވެސް މަންޒަރު ދުށް މީހުން ބުންޏެވެ.

އިޒުރޭލު އެމްބަސީ ދޮށަށް އެއްވި މީހުން ވަނީ ޒަޔަނިސްޓުންގެ އެމްބަސީއެއް އުރުދުންގެ ބިމުގައި ހުރެގެން ނުވާނެ ކަމަށް ގޮވާފަ އެވެ. އަދި ޔަހޫދީ ސަފީރުންނާއި މުވައްޒަފުން އުރުދުން އިން ބޭރުކުރުމަށް ވަނީ ގޮވާފަ އެވެ.

އިޒުރޭލާ އެކު އުރުދުން އިން ހަދާފައި ހުރި އެއްބަސްވުންތައް އަލުން އެކުލަވާލުން ނުވަތަ ބާތިލުކުރުމަށްވެސް އެއްވި މީހުން ގޮވި އެވެ. ޒަޔަނިސްޓުންނާ އެކު ހަދަންޖެހޭ އެއްބަސްވުއް އޮންނާނެ ކަމަށް އެ މީހުން ގަބޫލެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފަލަސްތީންގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން އިޒުރޭލު އެމްބަސީ ދޮށަށް އާންމުން ޖަމާވުމަކީ ވަރަށް އާންމު ކަމެކެވެ. އާންމުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވަނީ އެމްބަސީއަށް ވަދެގަނެ ތަނުން މީހުން ބޭރުކުރާށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތަކުން ފެށިގެން އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ދެކޮޅު ހެދުމަށް އެންމެ ގިނައިން މީހުން މަގުތަކަށް ނުކުންނަ ގައުމުތަކުގެ ތެރޭގައި އުރުދުން ހިމެނެ އެވެ. ނަމަވެސް މިފަދަ ގިނަ އެއްވުންތައް ސުލްހަވެރި ގޮތަކަށް ނިމެ އެވެ. މީހަކަށް އަދި ތަނަކަށް ގެއްލުން ލިބި ބަޔަކު ހައްޔަރަށް ދަނީ މަދު ހާލަތެއްގަ އެވެ.

އުރުދުން އަކީ އިޒުރޭލާ އެކު ޑިޕްލޮމެޓިކް ގުޅުމެއް ބޭއްވުމަށް މަސައްކަތްކުރާ އަރަބި ގައުމެކެވެ.

ފަލަސްތީންގެ ސަބަބުތަކަށް ހޭދަކުރުމާއި ވާކާލާތުކުރުން އަދި ފަލަސްތިންގެ ބިނާތައް -- މަސްޖިދުލް އަގްސާ ހިމެނޭ ގޮތުން، މަރާމާތުކޮށް ބެލެހެއްޓުމުގައިވެސް އުރުދުންގެ ދައުރު ވަރަށް ބޮޑެވެ.