އުރުދުންއާ ސީރިއާއާ ގުޅުވައިދޭ ބޯޑަރު ބަންދުކުރިކަން އުރުދުންގެ ދާޚިލީ ވަޒީރު މާޒިން އަލްފަރަޔާ އިއުލާންކުރައްވައިފި އެވެ. އޭނާ ވިދާޅުވީ ސީރިއާގެ ހަމަނުޖެހުން މިހާރު އޮތް ގޮތަށް ކުރިއަށްދާ ނަމަ އުރުދުންނަށް ނުރައްކާވެދާނެ ކަމަށެވެ.
ސީރިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓުން، އުރުދުން ބޯޑަރު ހުރަސްކޮށް އެ ގައުމަށް އެތެރެވުމަކީ މެދުވެރިވެދާނެ ހާލަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަދި ހަނގުރާމައިން ސަލާމަތްވުމަށް ކޮޅުކޮޅަށް ދުވާ މީހުން ވެސް އުރުދުންއަށް ވަންނާނެ ކަމަށް އޭނާ އަންދާޒާކުރެއްވި އެވެ.
ސީރިއާގައި ތިބި އުރުދުންގެ ރައްޔިތުންނަށް ބޯޑަރު ހުރަސްކުރަން ފުރުސަތުދޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެހެނެއް ކަމަކު، ސީރިއާގެ އަވަށްތަކުން ހިކުރަކުރަން އަންނަ މީހުންނަށް ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީރިއާގެ އަވަށްތަކަށް އަރައިގެން މިހާރު އުޅޭ ހައެއަތު ތަހުރީރުއް ޝާމްގެ ހަނގުރާމަވެރިންގެ އަމާޒަކީ އެ ގައުމުގައި އޮތް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމެވެ.
ހައެއަތު ތަހުރީރުއް ޝާމްގެ ލީޑަރު އަބޫ މުހައްމަދު އައްޖުލާނީ ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި، ވެރިރަށް ދިމިޝްގު ހިފާނެ ކަމަށް ވިދާޅުވި އެވެ.
ރަޝިއާ އާއި އީރާނުން އަސަދަށް ކިތަންމެ ވަރަކަށް އެހީތެރިވެދިން ނަމަވެސް، އަސަދު ވެރިކަމުން ދުރުކޮށްފައި ނޫނީ ހުއްޓައި ނުލާނެ ކަމަށް ބުންޏެވެ
ހައެއަތު ތަހުރީރުއް ޝާމްއަށް ލިބިފައި ހުރި ބާރުތަކަށް ބަލާއިރު، ރަޝިއާ އާޢި އީރާން އަކީ މާބޮޑު މައްސަލައެއް ނޫން ކަމަށް އަބޫ މުހައްމަދު އައްޖުލާނީ ސީއެންއެންއަށް ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމވެރިން މިހާރު ވަނީ ސީރިއާގެ ވަރަށް ބޮޑު ބައެއް ހިސާރުކޮށްފަ އެވެ. ހަނގުރާމަވެރިން މިހާރު މަސައްކަތްކުރަނީ ސީރީއާގެ މައި ބަނދަރު ހިފުމަށް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.