އުރީދޫ ނޭޝަން އިން އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް ދޭއްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އޮންލައިން ރަޖިސްޓްރޭޝަން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އުރީދޫ އިން އޮންލައިންކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
މި ސީރީޒް އަކީ އެއްލައްކަ ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު މިއަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ ސިލްސިލާއެއް ކަމަށް އުރީދޫން ބުނެ އެވެ.
އެ ކުންފުނިން ބުނީ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތާއި، ޓީމް ލޯގޯ މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބެނީ 10،000 ރުފިޔާ އެވެ. ދެވަނައަށް ހޮވޭ ޓީމަށް 3،000 ރުފިޔާ އަދި ތިންވަނައަށްދާ ޓީމަށް 2،000 ރުފިޔާ ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
މި މުބާރާތުން ހޮވާލެވޭ އެންމެ މޮޅު ތިން ޓީމު އުރީދޫ އިން މި އަހަރު ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އެގޮތުން މި މުބާރާތުގެ ފުރަތަމަ ސީރީޒް އިން ވަނަވަނައަށް ދިޔަ ތިން ޓީމުން ވަނީ އެޖާގަ ހޯދާފަ އެވެ.
މި ސީރީޒްގެ ތިން މުބާރާތް ބޭއްވުމަށްފަހު ކޮލިފައިވާ ޓީމުތަކާއެކު ބޮޑު މުބާރާތް ބާއްވަނީ އަންނަ ޑިސެމްބަރު މަހު ކަމަށް އުރީދޫ އިން ބުނެ އެވެ.