މިޔަންމާއާއި ތައިލެންޑަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތައިލެންޑަށް ހިލޭ ގުޅޭނެ އިންތިޒާމު އުރީދޫ މޯލްޑިވްސް އިން ހަމަޖައްސައިފި އެވެ.
އުރީދޫ އިން ބުނީ މި ވަގުތުކޮޅު ދެމިއޮންނާނީ މިރޭ މެންދަމު 12:00 ޖެހުމާ ހަމައަށް ކަމަށެވެ.
ތައިލެންޑަށް ހިލޭ ގުޅޭނެ ގޮތް ހަމަޖެއްސީ ތައިލެންޑުގައި މިވަގުތު ދިރިއުޅޭ ދިވެހިންގެ ހާލު ބެލުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑްގައި އުޅޭ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ދިވެއްސަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް މިހާތަނަށް އެނގިފައި ނުވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ ގަޑިން މިއަދު ހެނދުނު 11:32 ހާއިރު ބިން ހެލުން އައިސްފައިވަނީ މާލެ އާއި 3121 ކިލޯމީޓަރު ދުރުން 7.6 މެގްނެޓިއުޑްގެ ބާރުމިނު ގައެވެ.
އެެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި އެކުއެކީގައި އައި ދެ ބިންހެލުމުގެ ތެރެއިން ފުރަތަމަ އައީ 7.7 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. ދެވެނައަށް އައީ 6.4 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.
ސޯޝަލް މީޑިއާގައި ހުރި ވީޑިއޯތަކުން ފެންނަ ގޮތުން، ތައިލޭންޑްގައި އިމާރާތްކުރަން ފަށާފައި ހުރި ސްކައިސްރޭޕާއެއް ވަނީ ބިމާ ހަމަވެފަ އެވެ.
ހަބަރުތައް ބުނާ ގޮތުން މި ހާދިސާގައި އިމާރާތުގެ ތެރޭގައި 43 މީހަކު ވަނީ ތާށިވެފަ އެވެ. ބެލެވޭ ގޮތުގައި މިއީ އިމާރާތްކުރަން އުޅުނު މީހުންނެވެ.