އުނގޫފާރު

ރ. އަތޮޅަށް ގިނަ އަދަދެއްގެ ޑޮކްޓަރުންނާ ނަރުހުން ހޯދަނީ

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށާއި އެއަތޮޅުގެ ސިއްހީ މަރުކަރުކަށް ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާނުކޮށްފި އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިއަދު ކުރި އިއުލާނުތަކުގައި، އެ ހޮސްޕިޓަލަށް 23 ދާއިމީ ސްޕެޝަލިސްޓް ބޭނުންވާކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކަރުންމަތީގެ ޑޮކްޓަރުންނާއި، ހޭނައްތާ ޑޮކްޓަރުން، އޮޕްރޭޝަން ޑޮކްޓަރުން، އެތެރެހަށީގެ ޑޮކްޓަރުން، ކުޑަކުދިންގެ ޑޮކްޓަރުން، އަންހެނުންގެ ޑޮކްޓަރުން، ހަމުގެ ޑޮކްޓަރުންގެ އިތުރުން ލޮލުގެ ޑޮންޓަރުންނާއި ސައިކޭޓްރިސްޓުން އަދި ރޭޑިއޮލޮޖިސްޓުން ހިމެނެ އެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާނެ ކަމަށް އިއުލާނުގައިވެ އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ އިތުރުން އެއަތޮޅުގެ 13 ސިއްހީ މަރުކަޒުތަކުގައި ދާއިމީކޮށް މަސައްކަތްކުރާނެ 30 މެޑިކަލް އޮފިސަރުން ހޯދުމަށް ވެސް ވަނީ އިއުލާނުކޮށްފަ އެވެ. އަދި މިތަންތަނުގައި މަސައްކަތްކުރާނެ 82 ނަރުހުން ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލެވެ.

އުނގޫރުފާރު ރީޖަނަލް ހޮސްޕިޓަލަށް މެޑިކަލް ލެބޯޓްރީ ޓެކްނީޝަނަކާއި އެސިސްޓެންޓް ބަޔޯމެޑިކަލް ޓެކްނީޝިއަނެއް ހޯދުމަށް ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި އުފެދޭ ވަޒީފާތަކަށް ދިވެހިން ނެގުމަށް އިސްކަންދޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ. އެކަމަކު މިފަދަ މަގާމުތަކަށް ދިވެހިން ހޯދަން ދަތިތަކެއް ހުރިކަމަށް ވެސް ބުނެފައިވެ އެވެ.