އުނގޫފާރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތް ހަވާލުކޮށްފި

ރ. އުގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

އަލަށް އިމާރާތް ކުރި މި އިމާރާތަކީ 175 ފޫޓު ދިގު 74 ފޫޓު ފުޅާ ޖާގައިގެ ގޮތުން ތަނަވަސް ތަނެކެވެ.

އުނގޫފާރު ރީޖަނަލަން ހޮސްޕިޓަލްގެ މެނޭޖަރު އިބްރާހިމް ޒަޔާން އަވަސް އަށް ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ އިމާރާތުގައި ދެމުންގެންދާ ގިނަ ހިދުމަތްތަކެއް އާ އިމާރާތަށް ބަދަލުކުރާނެ ކަމަށެވެ.

"ޒަމާނީ ވަސީލަތްތަކަކާއެކު ހެެދި މިއިމާރާތުގެ ސަބަބުން މިސަރަހައްދުގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާވެ ކުރިއަރައިގެން ދާނެ" ޒަޔާން ވިދާޅުވި އެވެ.

އާ އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައިވާ އަވަސް ފަރުވާދޭ ކޮޓަރީގައި 10 އެނދު ހުންނަ އިރު މިހާރު ހުރި އިމާރާތުގެ އަވަސް ފަރުވާ ދޭ ބައިގައި ހުންނަނީ ދެ އެނދެވެ.

މީގެ އިތުރުން ގްރައުންޑް ފްލޯގައި އެމްއާރްއައިގެ ހިދުމަތާއި ރޭޑިއޮލޮޖީގެ ހިދުމަތް ދިނުމަށް ގާއިމުކުރާ ވަސީލަތްތައް މިހާރަށް ވުރެ ދެ ގުނަ އިތުރުވާނެ ކަމުގައި ވެސް ޒަޔާން ވިދާޅުވި އެވެ.

"އަލްޓްރާ ސައުންޑްއާއި އެކްސްރޭ އަކީ އެންމެ ގިނަ މީހުން ބޭނުންވާ ހިދުމަތްތަކަަށް ވެފައި މިއިމާރާތުގެ ސަބަބުން އެހިދުމަތް ޑަބަލް ކޮށް ދެވޭނެ،" ޒަޔާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ އިމާރާތުގެ ދެވަނަ ފަންގިފިލާގައި އޮޕަރޭޝަން ތިއޭޓަރެއް ގާއިމުކޮށްފައިވާއިރު މިތިއޭޓަރުގައި ކަށީގެ ހާއްސަ އޮޕަރޭޝަންތައް ކުރަން ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި އާ ލެބޯޓްރީގެ ވަސީލަތް މި އިމާރާތުގައި ހުރުމުން މިހާރަށް ވުރެ ހިދުމަތް އަވަސްވެފައި ރަނގަޅުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އާ އިމާރާތުގައި އެންމެ ހާއްސަ އެއް ކަމަކީ މުޅި އިމާރާތުގެ މަތީގައި ކަރަންޓު އުފެއްދުމަށްޓަކައި ސޯލާޕެނަލްތަކެއް ހަރުކޮށްފައިވުމެވެ.

"މި ސޯލާ ޕެނަލްތަކުން މުޅިއިމާރާތުގެ ކަރަންޓުގެ ވަރަށް ބޮޑުބައެއް ކަވަރު ކުރާނެ، އޭގެ ސަބަބުން ވަރަށް ބޮޑުތަން ހަރަދު ކުޑަކުރެވޭނެ،" ޒަޔާން ވިދާޅުވި އެވެ.

އުނގޫފާރު ރީޖަލަން ހޮސްޕިޓަލްގެ އާ އިމާާރާތް ސަރުކާރާ ހަވާލުކޮށްފައިވާއިރު މި ހޮސްޕިޓަލަކީ ތާޝަރީ ހޮސްޕިޓަލަކަށް ހެދުމަށް މިސަރުކާރުން ކަނޑައަޅާފައިވާ ހޮސްޕިޓަލެކެވެ.