ލައިފްސްޓައިލް

އޭޝިއާގެ އެންމެ ބޮޑު ދޫނި ޕާކް ބަންދުކުރަނީ

އޭޝިއާގެ އެންމެ ބޮޑު ދޫނި ޕާކަކީ ސިންގަޕޫރުގައި ހުންނަ ތަނެކެވެ. އެއީ ސިންގަޕޫރުގައިވެސް އެންމެ ރީތި އަދި އެންމެ ފާހަގަކުރެވޭ އެއް ތަނެވެ.

ބޮޑުމިނުގައި 20.2 ހެކްޓަރުގެ މި ޕާކުގައި 400 އަށް ވުރެ ގިނަ ވައްތަރުގެ 3،500 ވަރަކަށް ދޫނި ހިމެނެ އެވެ. މީގެތެރޭގައި އެކި ވައްތަރުގެ ގުރާ، ގުޑުގުޑާ ދޫނި، ޕެންގުއިން، ޓުރާކޮސް، ސްޓާލިން، މައިނާ، ބުލްބުލްގެ އިތުރުން އާދަޔާ ހިލާފު އެތައް ދޫންޏެއް ހިމެނެ އެވެ.

ސިންގަޕޫރު ސަރުކާރުން 1971 ވަނަ އަހަރު 2.5 މިލިއަން ސިންގަޕޫރު ޑޮލަރުގެ ބަޖެޓަކުން ހަދާފައި ހުޅުވި މި ޕާކް ހިންގާތާ 52 އަހަރަށްފަހު އަންނަ އަހަރުގެ ޖެނުއަރީ ތިންވަނަ ދުވަހު ޕާކް ބަންދުކުރަން މިހާރު ވަނީ ނިންމާފަ އެވެ.

ޖޫރޮން ބާޑް ޕާކްގެ ޕާކް އޮފިސަރުން އެ ޕާކްގެ ދޫނިތައް ބަލަހައްޓާލެއް ރަނގަޅުކަން އެތައް ހާދިސާއަކުން ވަނީ ސާބިތުވެސް ކޮށްދީފަ އެވެ. މިގޮތުން ކެންސަރާ ހަނގުރާމަ ކުރަމުން އައި ހޯންބިލްއަކަށް 3ޑީ ޕްރިންޓަރަކުން ޕްރިންޓްކުރި ޕްރޮސްތެޓިކް ކާސްކެއް ލައްވައި، އޭގެ ފުރާނަ ސަލާމަތްކޮށްފައިވެ އެވެ.

ގުޑުގުޑާ ދޫނީގެ ކުޑަ ދޫންޏެއް ކަމުގައިވާ ސްކުއިޝްގެ ފައި، ހަރު ބިމުން ރައްކާތެރިކުރުމަށާއި ފައިގައި ވަރު ޖެއްސުމަށް ނޫކުލައިގެ އޮފު ބޫޓަކަށް އަރުވައިގެން ގެންގުޅުނު މަންޒަރު ފެނި، އެ ޕާކްގެ ގުޑުގުޑާ ދޫނިތަކަށް ސަމާލުކަން ލިބުނެވެ. މިފަދަ އެތައް ހާދިސާތަކަކާ އެކު މި ޕާކާއި މުވައްޒަފުން ވަނީ ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައި ހާއްސަ ކަމެއްވެސއ ހޯދާފަ އެވެ.

ޕާކް ބަންދުކުރީމަ ދޫނި ތަކަށް ހަދާނީ ކިހިނެތް؟

މިހިސާބުން ޕާކުގެ ދައުރު ނިމުނުކަމުގައި ވިޔަސް، ދޫނިތަކުގެ ދައުރު އަދި ކުރިއަށް އޮތީ އެވެ.

ޖޫރޮން ބާޑް ޕާކް ބަންދުކުރުމުން، އެ ޕާކްގެ ދޫނިތައް ބަދަލުކުރާނީ ސިންގަޕޫރުގެ ޒޫ، ނައިޓް ސަފާރީ އަދި ލަގްޒަރީ ބަންޔަން ޓްރީ ރިސޯޓެއް އެކުލެވިގެންވާ އީކޯ ޓޫރިޒަމް ހަބަކަށެވެ. މި ހަބް ހުޅުވާނީ 2023 ގައެވެ.

ޕާކް ބަންދުކުރަންދެން، އެކި ފާޑުގެ ހަރަކާތްތަކާއި ޓުއާތަކުގެ އިތުރުން ޖޫރޮން ބާޑް ޕާކްގެ ތާރިހަށް ހާއްސަކޮށްފައިވާ ހެރިޓޭޖް ޓްރެއިލްތައް ކުރިއަށް ގެންދާނެ އެވެ.