ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދަށް އައްޑޫން ހޫނު މަރުހަބާއެއް

Sep 14, 2022
2

ރައީސް މުހައްމަދު ނަޝީދު ހަތަރު ވަރަކަށް އަހަރު ފަހުން މިއަދު އައްޑޫއަށް ވަޑައިގަތުމުން އައްޑޫ އިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރައީސް ނަޝީދު މިއަދު ހަވީރު ވަނިކޮށް އައްޑޫއަށް ވަޑައިގަތުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އައްޑޫގެ މޭޔަރު އަލީ ނިޒާރު އެވެ.

އެއާޕޯޓުގެ ބޭރުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ތިބެ ގަދަ ހޫނުގައި އެމަނިކުފާނަށް މަރުހަބާ ކިޔާފައިވެ އެވެ. ބައެއް މީހުން ވަނީ އެމަނިކުފާނާ ސަލާމްކޮށް، ސެލްފީ ވެސް ނަގާފަ އެވެ.

ރައީސް ނަޝީދު މިއަދު އައްޑުއަށް ވަޑައިގަތީ މޫސުމީ މައްސަލަތަކާ ގުޅޭ ގޮތުން އައްޑޫގައި މިރޭ އޮންނަ ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ސެމިނާ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން އައްޑޫ ސިޓީގެ ހިތަދޫގައި ހިންގާ ކެމްޕަހުގަ އެވެ.

ސަސްޓެއިނެބިލިޓީ ފޯސޭކެން ފިއުޗާސްގެ ނަމުގައި އައްޑޫގައި ކުރިއަށް ގެންދާ ދެވަނަ ސެޝަން (އަންޑަވޯޓާ ޖަސްޓިސް) ހުޅުވުމުގެ ގޮތުން ވާހަކަދައްކަވާނީ ކޮސްޓާރިކާގެ ކުރީގެ ރައީސް ލައުރެން ޗިންޗިލާ އެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެން އައްޑޫއަށް އެންމެ ފަހުން ވަޑައިގަތީ 2018 ވަނަ އަހަރު އެވެ.