ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ އިން އަމިއްލަ ދަނޑުގައި 1-2 އިން ބްރޫޝިއާ ޑޯޓްމަންޑް ބަލިކުރި މެޗުގައި ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ޖެހި މޮޅު ގޯލު ފެނުމުން ހަނދާންވީ ޔޯހަން ކްރައިފް މަތިން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މެޗުގައި ސިޓީ މޮޅުވި ގޯލު ހާލަންޑް ޖެހީ 84 ވަނަ މިނެޓުގަ އެވެ. އަރިމަތިން ޔައޯ ކަންސެލޯ ހުރަސްކޮށްލި ބޯޅަ ފުންމައިގެން އެރުމަށް ފަހު ވެއްޓިގެންފައި "އެކްރޮބެޓިކް" ކޮށް ހާލަންޑް ވަނީ ގޯލަށް ބޯޅަ ވައްދާލާފަ އެވެ. ޑޯޓްމަންޑުގެ އެއްވެސް ކުޅުންތެރިއަކަށް ހާލަންޑް އެވަގުތު ނުހުއްޓުވުނެވެ.
މޮޅުވި ގޯލު ޖެހުމާ ހަމައަށް ޑޯޓްމަންޑުން ވަނީ ހާލަންޑް ހުއްޓުވުމުގައި ކުރި ހޯދާފަ އެވެ. މެޗުގެ 80 ވަނަ މިނެޓު ފުރިހަމަވީއިރު ހާލަންޑުގެ ފައިގައި ބޯޅަ ޖެހުނީ 26 ފަހަރު އެވެ. މެޗުގެ އޮއިވަރު ދިޔަގޮތުން ބެލެވުނީ ހާލަންޑުގެ ކުރީގެ ކްލަބުން އޭނާ ގޯލެއް ޖެހިޔަނުދީ ހިފަހައްޓާނެ ކަމަށެވެ. އެކަމަކު އާދަޔާ ހިލާފު މޮޅު ގޯލާ އެކު ހާލަންޑަށް މިހާރު އަންނަނީ ތައުރީފް އޮހެމުންނެވެ.
ރޭގެ މެޗުގެ ލީޑު 56 ވަނަ މިނެޓުގައި ނެގީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑޯޓްމަންޑުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ. މެޗުގެ 80 ވަނަ މިނެޓުގައި ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު ޖޯން ސްޓޯންސް އެވެ.
"އަހަރެން ހަނދާން ވަނީ މީގެ އެތައް ޒަމާނެއް ކުރިން ބާސެލޯނާގައި ޔޯހަން ކްރައިފް ހަމަ އޭގެ ގޯލެއް އެތުލެޓިކޯ މެޑްރިޑް ކޮޅަށް ޖެހިތަން. ހާލަންޑް އެ ޖެހީ ހަމަ އެވަރުގެ ގޯލެއް" މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
1973 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑް ކޮޅަށް ކްރައިފް އޭގެ ގޯލެއް ޖެހީ ލީގު މެޗެއްގަ އެވެ. އަރިމަތިން ބާސެލޯނާގެ ކުޅުންތެރިއަކު ހުރަސްކޮށްލި ބޯޅަ ކްރައިފް ވެއްޓިގެންފައި ޖެހީ ބޫޓުގެ އަރިމަތިންނެވެ. އެކަމަކު ދެ ގޯލު އަޅާކިޔާއިރު ހާލަންޑުގެ ގޯލު ފެންނަނީ މޮޅުކޮށެވެ.
"އަހަރެން އެނގޭ މީހުން ހެކިވާނެ އަހަރެންގެ ދިރިއުޅުމުގައި މީހެއްގެ ގޮތުގައި، މެންޓާއެއްގެ ގޮތުގައި އަދި މެނޭޖަރެއްގެ ގޮތުގައި ކްރައިފްގެ ނުފޫޒު. ގޯލު ފެނުމުން އަހަރެން ހަނދާންވީ ކްރައިފް މަތިން" ކްރައިފްގެ ހަނދާންތައް އާކުރަމުން ގާޑިއޯލާ އިތުރަށް ބުންޏެވެ.
ޑޯޓްމަންޑުން ސިޓީ އަށް ބަދަލުވުމަށްފަހު ހާލަންޑް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެޓީމަށް ކުޅުނު ފުރަތަމަ ނުވަ މެޗުގައި 13 ގޯލު ޖެހިއިރު ޗެމްޕިއަންސް ލީގުގެ ތާރީހުގައި ހާލަންޑް ވަނީ 21 މެޗުގައި 26 ގޯލު ޖަހައިފަ އެވެ.
ސިޓި ހިމެނޭ ގްރޫޕުގައި ދެ މެޗުން މޮޅުވެ އެޓީމު އޮތީ އެއްވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕުގައި އެފްސީ ކޯޕެންހާގަން އާއި ސެވިއްޔާ ރޭ ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.