މެންޗެސްޓާ ސިޓީ

ސިޓީގެ އިސްތިއުނާފު މައްސަލަ އަންނަ މަހު

ޔޫރަޕްގެ އިންޓަނޭޝަނަލް ކުލަބު މުބާރާތެއްގައި ކުރިއަށް އޮތް ދެ އަހަރު މެންޗެސްޓާ ސިޓީއަށް ބައިވެރި ނުވެވޭނެ ގޮތަށް، އެ ކުލަބަށް އެޅި ފިޔަވަޅާ ގުޅިގެން ސިޓީން ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އަންނަ މަހު ކުރީ ކޮޅު ބާއްވަން ނިންމައިފި އެވެ.

ކުޅިވަރުގެ އާބިޓްރޭޝަން ކޯޓަށް، މެނެޗެސްޓާ ސިޓީން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ ތާވަލު ކޮށްފައި ވަނީ އަންނަ މަހު އަށަކުން 10 އަކަށެވެ. ފެބްރުއަރީ މަހު ޔޫއެފާއިން، އިނގިރޭސި ޗެމްޕިއަނާ ދެކޮޅަށް ފިޔަވަޅު އެޅީ ޔޫއެފާގެ ފައިނޭންޝިއަލް ފެއާޕްލޭއާ ހިލާފަށް އެ ޓީމުން ހަރަދު ކޮށްފައިވާ ކަމަށް ބުނެ އެވެ.

އެހެން ނަމަވެސް ސިޓީން ބުނެފައި ވަނީ ގޯސްކޮށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، ކޯޓުގައި އެކަން ސާބިތުކޮށް ދެވޭނެ ކަމަށެވެ. ސްވިޒަލޭންޑްގެ ލުޒާންގައި ހުންނަ ކުޅިވަރުގެ އާބިޓްރޭޝަން ކޯޓުން މައްސަލަ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ވީޑިއޯ މެދުވެރި ކޮށެވެ.

އަންނަ މަހު 10 ގައި، މައްސަލަ އާ ގުޅިގެން ކޯޓުން ހުކުމް ކުރާނެ ކަމެއް އަދި ނުކުރާނެ ކަމެއްވެސް ނޭނގެ އެވެ. ނަމަވެސް އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގްގެ ގުރު ނެގުމުގެ ކުރިން މައްސަަލައިގެ ހުކުމް ކޯޓުން އިއްވަން ޖެހޭނެ އެވެ.

ގުރުލުމުގެ ހަފުލާ ތާވަލު ކޮށްފައި ވަނީ އޮގަސްޓް 27 ގަ އެވެ. ފްރާންސްގެ މޮނަކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަފުލާވެސް، ކޮވިޑް-19 އާ ގުޅިގެން ފަސްވެ ދާނެ ކަމަށް ބެލެވެ އެވެ.