ކުޅިވަރު

ޗެމްޕިއަންސް ލީގް ނުލިބިއްޖެނަމަ ފެއިލްވީ: ގާޑިއޯލާ

މެންޗެސްޓާ ސިޓީއަށް ޗެމްޕިއަންސް ލީގު ހޯދައި ނުދެވިއްޖެނަމަ އޭނާ ފެއިލްވީ ކަމަށް މީހުން ދެކޭނެ ކަމަށް، ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާ ދޫކޮށްލި ފަހުން، މިހާތަނަށް އޭނާ މަސައްކަތް ކުރި ދެ ކުލަބަކާއެކު ވެސް ޗެމްޕިއަންސް ލީގް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ސިޓީ އާއެކު މިހާތަނަށް ގާޑިއޯލާ ވަނީ ފަސް ތަށި ހޯދާފަ އެވެ. އޭގެ ތެރެއިން ތިން ތަށި ކާމިޔާބު ކުރީ، މިދިޔަ ސީޒަންގަ އެވެ. އެއީ މިދިޔަ ސީޒަންގައި ކާމިޔާބު ކުރި ޑޮމެސްޓިކް ތިން ތައްޓެވެ. އެހެން ނަމަވެސް ސިޓީ އާއެކު ވެސް ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުގައި އޭނާއަށް ވެސް އަދި ކާމިޔާބު ހޯދިފައެއް ނުވެ އެވެ.

"މިދިޔަ އަހަރަކީ އަހަރެމެންނަށް އާދަޔާ ހިލާފް އަހަރެއް،" މިދިޔަ އަހަރު ހޯދި ޑޮމެސްޓިކް ތިން ތައްޓަށް އިޝާރާތްކޮށް ގާޑިއޯލާ ބުންޏެވެ. "ނަމަވެސް މީހުން ބުނާނެ ކަލެއަށް ޗެމްޕިއަންސް ލީގް ނުހޯދޭ ނޫންހޭ، އެއީ އަހަރެންނާމެދު މީހުން މިނެ ކިރާނެ ހަމައަކީ، އަހަރެންގެ މިތަނުން [ސިޓީން] ވަކިވެގެންދާއިރު ޗެމްޕިއަންސް ލީގް ކާމިޔާބު ނުކުރެވިއްޖެނަމަ މީހުން ދެކޭނީ އަހަރެން ފެއިލްވީ ކަމަށް،"

ގާޑިއޯލާގެ ވޭތުވެދިޔަ ތިން ސީޒަންގައި ސިޓީއަށް ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ވުރެ ދުރަށް ދެވިފައެއް ނުވެ އެވެ. މިއަހަރުގެ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ސިޓީ ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

ޕްރިމިއާ ލީގްގައި ސިޓީ މިއަދު ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސް އާ ދެކޮޅަށެވެ.