ތޯމަސް ޓުކެލް ވަކިކޮށް ޗެލްސީގެ ކޯޗުކަމާ މިދިޔަ ހަފްތާ ހަވާލުވި ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި 1-1 އިން ޗެލްސީ އެއްވަރުވެއްޖެ އެވެ.
ޕޮޓާ އަކީ އިނގިރޭސި ޕްރިމިއާ ލީގު ކްލަބް ބްރައިޓަންގައި ރަނގަޅު މަސައްކަތްތަކެއް ކުރި ކޯޗެކެވެ. ޗެލްސީއާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް އެޓީމު ގޮވައިގެން އޭނާ ނުކުތީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެޑްބުލް ސާލްސްބާގްއާ ދެކޮޅަށެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ޗެލްސީންނެވެ. ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ.
ސިޓީ ދޫކޮށް ޗެލްސީ އަށް ބަދަލުވުމަށް ފަހު ކުޅުނު އަށް މެޗުގައި ސްޓާލިން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. މެޗުގެ 75 ވަނަ މިނެޓުގައި ސާލްސްބާގަށް ނަތީޖާ ހަމަހަމަކޮށްދިނީ ނޯހް އޮކަފޯ އެވެ.
މެޗަށް ފަހު ޕޮޓާ ބުނީ ޗެލްސީގެ ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކުރާ ކަމަށާއި، އާ ކޯޗުގެ ގޮތްތަކަށް ޓީމުގެ ކުޅުންތެރިން ވަރަށް އަވަހަށް ހޭނުނު ކަމަށެވެ.
"ޕޮއިންޓެއް ލިބުމުން މާޔޫސްވޭ. އެކަމަކު ކުޅުންތެރިން ވަރަށް ހިތްވަރު ކުރި. ކުޅުންތެރިންނަށް ވެސް މިބަދަލު ފަސޭހައެއް ނުވާނެ. އެކަމަކު އެމީހުން ވަރަށް ޕްރޮފެޝަނަލް" މެޗަށް ފަހު ޕޮޓާ ބުންޏެވެ.
ޗެލްސީގެ ކޯޗުކަމުން ޓުކެލް ވަކިކުރީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޑީނަމޯ ޒަގްރަބް އަތުން ޗެލްސީ ބަލިވުމުންނެވެ. ދެ މެޗުން މޮޅެއް ނުލިބި ދިއުމާއެކު ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ދިއުމަށް ޗެލްސީ ވަނީ އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ.
މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި އޭސީ މިލާނުން ވަނީ 1-3 އިން ޑީނަމޯ ޒަގްރެބް ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު މިލާން އޮތީ ހަތަރު ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޑީނަމޯ ޒަގްރެބް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ސާލްސްބާގް ދެ ޕޮއިންޓާ އެކު ތިންވަނައިގައި އޮތްއިރު ފުލުގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ. ބާކީ ހަތަރު މެޗުގެ ތެރެއިން ދެ މެޗުގައި ޗެލްސީ ވާދަކުރާނީ އެއްވަނައިގައި އޮތް މިލާންއާ އެވެ.