ޕޯޓޯގެ މައްޗަށް 2-0 ގެ ނަތީޖާއަކުން މޮޅުވެ، ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ދިއުމަށް ޗެލްސީން އުންމީދު ދަމަހައްޓައިފި އެވެ.
ވެސްޓް ބްރޯމް އަތުން ޗެލްސީ ބަލިވުމުން، ކޯޗް ތޯމަސް ޓޫހުލް އޭނާގެ ފުރަތަމަ ބަލި ސިފަ ކުރީ، ޗެލްސީގެ މޫނު މަތީގައި ޖެހި ތަފާލެއްގެ ގޮތުގަ އެވެ. އޭގެ ހަތަރު ދުވަސް ފަހު ސެވިއްޔާގައި ޕޯޓޯއިން މަސައްކަތް ކުރީ ޗެލްސީ މޫނު މައްޗަށް އަނެއްކާ ވެސް ތަފާލެއް ޖެހުމަށެވެ.
އެހެން ނަމަވެސް ނަތީޖާ ނިމިގެން ދިޔައީ ޗެލްސީ ކޮޅަށް ބުރަ ވެގެންނެވެ. ހަތް އަހަރުތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ދިއުމަށް ޗެލްސީ ވަނީ އުންމީދު ދަމަހައްޓާފަ އެވެ.
މެޗުގެ ބޮޑުބައެއް ޗެލްސީ ދެމެހެއްޓީ މޭސަން މައުންޓް ޖެހި ލަނޑާއެކު ހަނި ލީޑެއްގަ އެވެ. ސެވިއްޔާގެ ސަންޗޭޒް ޕިޒްހުއާން ސްޓޭޑިއަމްގައި ޕޯޓޯގެ ހޯމް މެޗަށް ޗެލްސީ ނުކުތީ، ހަމަ އެ ދަނޑުގައި އޮލިވާ ޖިރޫ ސެވިއްޔާގެ ހިތް ހަލާކު ކޮށްލި މެޗުގައި ބޭނުން ކުރި ފިޔާތޮށީ ޖޯޒީ ގަޔަށް ހެޔޮވަރު ކޮށްލައިގެންނެވެ.
މިފަހަރު ޕިޒްހުއާންގައި ޕޯޓޯގެ ހިތް ހަލާކު ކޮށްލީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބެން ޗިލް ވެލް ކާމިޔާބު ކުރި ލަނޑުންނެވެ. އަވޭ މެޗެއްގައި ދެ ލަނޑުގެ ލީޑެއް ލިބުމަކީ ސެމީއަށް ދިއުމަށް ހުލުވޭނެ ބޮޑު ދޮރެކެވެ.