ވިކްޓަރީގެ މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ) އާއި ޑިފެންޑަރު އަބުދުﷲ ހަނީފް (ބެންޖޯ) އަންނަ ސީޒަނުގައި ނިއުރޭޑިއަންޓަށް ކުޅެން ސޮއިކޮށްފި އެވެ.
މީގެ ތެރެއިން ނިޔާ އަކީ ނިއުގައި ހުރެފައި މިދިޔަ ސީޒަނުގެ މެދުތެރޭގައި ވިކްޓަރީ އަށް ސޮއިކުރި ކުޅުންތެރިއެކެވެ. އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް 2013 ވަނަ އަހަރު ނިއު ގެންގޮސްދިން ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަކީ ގައުމީ ތަށި މިލްކުކޮށް، ދިވެހި ލީގު ނިއު ޖެހިޖެހިގެން ތިން އަހަރު ހޯދި ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ ވީބީ އާއި ވެލެންސިއާ އަށް ވެސް ކުރިން ކުޅެފަ އެވެ.
ބެންޖޯ ނިއު އަށް ސޮއިކުރީ މީގެ ދެތިން ދުވަސް ކުރިންނެވެ. މިދިޔަ ސީޒަނުގެ ކުރީކޮޅު ވެލެންސިއާއިން ދޫކޮށްލުމުން އީގަލްސް އަށް ކުޅުނު ބެންޖޯ އަކީ ކުރިން ހުރަ އާއި ވީބީ އަށް ކުޅުނު މޮޅު ޑިފެންޑަރަކެވެ.
އަންނަ ސީޒަނަށް ނިއު ވަރުގަދަ ކުރަން މި ދެ ކުޅުންތެރިން ގެންދިއުމުގެ ކުރިން އެ ޓީމުން ވަނީ މާޒިޔާގެ ފަރުހާދު އިސްމާއީލް އާއި ބީޖީގެ ފާރޫގް ވެސް ގެންގޮސްފަ އެވެ.
ނިއުއިން ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރާއިރު މިދިޔަ ތިން އަހަރު އެ ޓީމުގައި ކުޅުނު މުހިންމު ގިނަ ކުޅުންތެރިން ވަނީ ކުލަބު ދޫކޮށްލައިފަ އެވެ. ޑިފެންޑަރު ޝާފިއު އަހުމަދު ވެލެންސިއާ އަށް އަދި ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) މާޒިޔާ އަށްދިޔައިރު އަހުމަދު އަބުދުﷲ (ލިލީ) އާއި އަލީ ފާސިރު (ސެންޓޭ) ދިޔައީ ޓީސީ އަށެވެ.