ކްރިމިނަލް ކޯޓް

ނާޒިމަށް ހަތަރު މަހުގެ ގޭބަންދުގެ ހުކުމެއް

Sep 15, 2022
3

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލުތަކެއް ހިންގި ކަމަށް އިއުތިރާފްވުމުން ގާނޫނީ ވަކީލް ނާޒިމު އަބްދުއްސައްތާރު ހަތަރު މަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި އެވެ.

ދައުލަތުން ނާޒިމުގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން ނާޒިމުގެ މައްޗަށް ސާބިތުވާ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.

ކްރިމިނަލް ކޯޓުން ނާޒިމަށް ލުއި އަދަބެއް ދިނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި ކުށަށް އިއުތިރާފްވެ ތައުބާވެފައިވާތީ އެވެ. އެގޮތުން އިއްވީ އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ޖަލު ހުކުމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުމާ ގުޅިގެން ކޯޓުން ނިންމީ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށެވެ.

ނާޒިމަށް މިއަދު ހުކުމްކުރުމުގެ ވަގުތުކޮޅެއް ކުރިން އޭނާ ނެރުއްވި ބަޔާނެއްގައި ވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފްވެފަ އެވެ. އަދި އެ ކުށަށް ތައުބާވެފައިވާ ކަމަށާއި ރައްޔިތުންގެ ފަރާތުން މައާފްކޮށްދިނުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.

ނާޒިމު ކުށަށް އިއުތުރާފްވި ނަމަވެސް އަލަމްގީރްއާ އެކު އޭނާ ކަމަށް ބެލެވޭ މީހަކު ފެންނަ ވީޑިއޯއެއް ލީކުވުމުން އެއީ އޭނާ ނޫން ކަމަށް މީގެކުރިން ތަކުރާރުކޮށް ސޯޝަލް މީޑިއާގައި ނާޒިމް ވިދާޅުވެފައިވެ އެވެ.