ހުޅުމާލެ އިން ބީލަމުގެ އުސޫލުން ވިއްކަން ހުޅުވާލި 74 ބިން ގަތުމަށް ބޭނުންވާ ފަރާތްތަކަށް އަނެއްކާވެސް ވަގުތު އިތުރުކޮށްފި އެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން "ބީޗް ފްރަންޓް" އިން ވިއްކާ ބިމަށް ބީލަން ހުށަހެޅުން ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށެވެ. "ބީޗް ސައިޑް" އިން ވިއްކާ ބިމަށް ބީލަން ހުށަހެޅުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 09:00 އިން 11:00 އަށެވެ.
މީގެ ކުރިން ހަމަޖެހިފައި އޮތީ "ބީޗް ފްރަންޓް"ގެ ބިން ވިއްކުން އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އަދި "ބީޗް ސައިޑް" ގެ ބިން ވިއްކުން އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށެވެ.
ބީޗް ސައިޑުން 52 ބިމަކާއި ބީޗު ފްރަންޓުން 22 ބިން ވިއްކުމަށް ހަމަޖެހިފައިވާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާ ހުށަހަޅަންޖެހެ އެވެ. އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1095.05 އަކަފޫޓާއި 2588.14 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.
ބީޗު ފްރަންޓުގެ ބިންތަކަށް ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 6،500 ރުފިޔާ އެވެ. ބީޗް ސައިޑްގެ ބިމެއް ނަމަ ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 5،500 ރުފިޔާ އެވެ.
ގޯތި ގަންނަ މީހުންގެ ޝަރުތުތައް
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން.
- އެޗްޑީސީން ވިއްކި ހުޅުމާލޭގެ ބިމެއް ބީލަމުގެ އުސޫލުން ގަނެފައިވާ މީހަކަށް ނުވުން.
- ދިރިއުޅުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް - މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައި ނެތުން.
- އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާނަމަ 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން.
- ބީލަމުން ބިމެއް ގަތުމަށްފަހު އެ ބިން އެހެން މީހެއްގެ ނަމަށް ބަދަލުކޮށްފައިވާ މީހަކަށް ނުވުން.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިއަހަރުގެ ފެބްރުއަރީ މަހުވެސް ބިން ވިއްކާފައިވެ އެވެ. އޭރު ބީލަމުގެ އުސޫލުން ދެ ބުރެއްގެ މަތިން ޖުމްލަ 60 ބިން ވިއްކައިގެން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ އެޗްޑީސީއަށް ލިބުނެވެ.