ދުނިޔެ

އިންޑިއާ އަކީ ޖީ7 ގައި ހިމެނޭ ގައުމެއް ނޫން، ރެކޯޑަށްޓަކައި ދަންނަވާލީ: އިންޑިއާ

ދުނިޔޭގައި އެންމެ މުއްސަނދި ކަމަށް ބުނާ ހަތް ގައުމު، ޖީ7 ނުވަތަ ގުރޫޕް އޮފް ސެވަންގައި ހިމެނޭ ގައުމުތަކުން ރަޝިއާގެ ހަކަތަ -- ތެލާއި ގުދުރަތީ ގޭސް އަދި ބޯޓުދެލި ގަތުމަށް އެ ގައުމުތަކުން އަމިއްލައަށް އަގެއް ކަނޑައަޅައި، ރަޝިއާ އަށް ހަކަތަ ވިއްކޭނެ އެންމެ ބޮޑު އަގެއް ވަނީ ހަމަޖައްސާފަ އެވެ.

ޖީ7 ގެ ގައުމުތަކުން ބުނާ ގޮތުން އެ ގައުމުތަކުގެ ސިޔާސަތުގައި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ބައިވެރިވާން ޖެހެ އެވެ. އަދި ރަޝިއާ އިން ހަކަތަ ވިއްކާ އަގު ކޮންޓްރޯލް ކުރުމުގައި އިންޑިއާ އާއި ޗައިނާ އިން، ޖީ7 ގެ ސިޔާސަތަށް ތަބާވާން ޖެހޭނެ އެވެ.

ޖީ ސެވަން އަށް ރައްދު ދެމުން އިންޑިއާ އިން ބުނީ އިންޑިއާ އަކީ ޖީ ސެވަންގައި ހިމެނޭ ގައުމެއް ނޫން ކަމަށެވެ. ޖީ ސެވަންގެ ގައުމުތަކުން ކަނޑައަޅާ ސިޔާސަތުތައް ގަބޫލުކުރުމީ އިންޑިއާ އަށް ލާޒިމު ކަމެއް ނޫން ކަމަށެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކުވާތު ވިދާޅުވީ އޮޅިފައި އޮތް ކަމެއް ސާފުކޮށް ދެއްވުމުގެ ގޮތުން އެއްޗެއް ދަންނަވަން ޖެހޭ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އިންޑިއާ އަކީ ޖީ ސެވަންގައި ހިމެނޭ ގައުމެއް ނޫންކަން ރެކޯޑަށްޓަކައި ދަންނަވާލީ ކަމަށެވެ.

ފޮރިން ސެކްރެޓަރީ ވިދާޅުވި ގޮތުގައި އިންޑިއާ އިން ރަޝިއާގެ ހަކަތަ ގަތުމުގައި ދެމިއޮންނާނެ އެވެ. އެއީ ބައިނަލްއަގުވާމީ މާކެޓުން ހަކަތަ ގަތުން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޖީ ސެވަން އިން ބުނާ ގޮތުން ވަކި އަގެއް ކަނޑައެޅުމުން ހަކަތަ ލިބޭ އަގު ހެޔޮވެގެން ދާނެ އެވެ. އަދި އެއީ އިންޑިއާ އަށް އަދި ޗައިނާއަށް ވެސް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.

ޖީ ސެވަންގެ ގައުމުތަކުން ބުނާ ގޮތުން ރަޝިއާ އަށް ހަކަތަ ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅަން ޖެހެނީ މާލީ ގޮތުން ރަޝިއާ އަށް ދަތިކުރުމަށެވެ. ތެޔޮ ވިއްކައިގެން ލިބޭ ފައިސާއިން ޔުކްރޭން ހަނގުރާމަ އަށް ރަޝިއާ ހޭދަކުރާ ކަމަށްވެސް އެ ގުރޫޕުން ބުނެ އެވެ.

އަގު ކޮންޓްރޯލްކުރަން ބާރުއަޅާ ގައުމުތަކަށް ރައްދުދީ ރަޝިއާ ބުނެފައި އޮތީ ގަންނަ މީހުން އަގު ކަނޑައަޅައިގެން ތަކެތި ގަތުމަށް ވުރެ މޮޔަ ކަމެއް ބަޔަކު ނުކުރާނެ ކަމަށެވެ. އަދި ރަޝިއާއަށް އެ ފަދައިން ޕްރެޝަރުކުރާ އެއްވެސް ގައުމަކަށް ތެޔޮ ނުވިއްކާނެ ކަމަށް ވެސް ރަޝިއާ އިން އޮތީ ބުނެފަ އެވެ.

ރަޝިއާގެ ހަކަތަ ގަތުމަކީ ޔުކްރޭން ހަނގުރާމައަށް ހޭދަކުރުން ނޫން ކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ވެސް ވަނީ ވިދާޅުވެފަ އެވެ.

ޖައިޝަންކަރު ވިދާޅުވި ގޮތުން ރަޝިއާ އިން ތެޔޮ ގައުމަކީ ޔުކްރޭން ހަނގުރާމާގައި ރަޝިއާ ކޮޅަށް އިންޑިއާ ބުރަވުން ކަމަށް ހުޅަނގުން ގަބޫލުކުރާ ނަމަ، ހުޅަގުން ވެސް ރަޝިއާ އަށް އެއްބާރުލުންދޭ ކަމަށެވެ. އެއީ ހުޅަނގުން ވެސް ރަޝިއާގެ ތެޔޮ ގަންނާތީ ކަމަށެވެ.

ޖީ7 ގައި ހިމެނޭ ގައުމުތަކަކީ އިނގިރޭސިވިލާތް، ޖަޕާން، ކެނެޑާ، ޖާމަން، ފްރާންސް، އިޓަލީ އަދި އެމެރިކާ އެވެ. ޔޫރަޕިއަން ޔޫނިއަނުން ވެސް މި ގުރޫޕުގައި ހިމެނޭ އެކަމު މެމްބަރެއް ގޮތުގައި ނުގުނޭ ޖަމާއަތެކެވެ.