މިދިޔަ މަހުގެ 31 ވަނަ ދުވަހު ލިވަޕޫލުން އަމިއްލަ ދަނޑުގައި 1-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރި މެޗުގައި ދެޓީމުގެ ކޯޗިން ޓީމުން އަމަލުކުރި ގޮތުން އިނގިރޭސި އެފްއޭ އިން އެ ދެޓީމުގެ ދެ މެމްބަރަކަށް އަދަބުދީފި އެވެ.
މެޗު އެއްވަރުވާން ދަނިކޮށް ލިވަޕޫލް މޮޅުވި ލަނޑު 98 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ފަބިއޯ ކަވާލިއޯ އެވެ. މި ލަނޑަށް ފަހު ލިވަޕޫލްގެ ކުޅުންތެރިންނާއި ބެންޗުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. އަނެއްކޮޅުން ނިއުކާސަލް ޓީމުގެ ބެންޗުން ފެނުނީ މާޔޫސްކަމާއި ނުތަވަސްކަމެވެ.
ކަވާލިއޯ ގޯލު ޖެހުމާ އެކު ހިނގާދިޔަ ކަންކަން ބެލުމަށް ފަހު އެފްއޭ އިން ފިޔަވަޅު އެޅީ ލިވަޕޫލްގެ ގޯލްކީޕަރު ކޯޗު ޖޯން އަޗްޓާބާގް އަދި ނިއުކާސަލްގެ ހެޑް އޮފް ޕާފޯމަންސް ޑެނިއަލް ހޮޔެސް އަށެވެ. ލިވަޕޫލްގެ ގޯލްކީޕަރު ކޯޗު 7000 ޕައުންޑުން ޖޫރިމަނަ ކުރިއިރު ނިއުކާސަލްގެ ޑެނިއަލް ވަނީ 6000 ޕައުންޑުން ޖޫރިމަނާކޮށްފަ އެވެ.
ކަވާލިއޯ ގޯލު ޖެހި ވަގުތު، ބަހާއި އަމަލުތައް ބެހެއްޓުނީ ރަނގަޅަށް ނޫންކަމަށް ލިވަޕޫލްގެ ގޯލްކީޕަރު ކޯޗު ވަނީ އެއްބަސްވެފަ އެވެ. ނިއުކާސަލްގެ ސްޓާފް މެމްބަރަށް އަދަބު ލިބުނީ ވީޑިއޯ ރީޕްލޭ ބެލިއިރު ކަވާލިއޯ ގޯލު ޖެހުމުން އޭނާ ލިވަޕޫލްގެ ޓެކްނިކަލް އޭރިއާ އަށް އެއްޗެއް އެއްލުމުންނެވެ.
ޖޫރިމަނާގެ އިތުރުން ޕްރިމިއާ ލީގުގައި މި ދެޓީމު ދެން ކުޅޭ މެޗުގައި ބެންޗަށް ދިއުމުގެ ފުރުސަތު ބަންދުކޮށް ކުރިއަށް އޮތް ތަނުގައި ހަމަނުޖެހުމަށް ފުރުސަތު ދީފިނަމަ އަދަބު ބޮޑުވާނެކަމަށް މި ދެ ކޯޗުންނަށް ވަނީ އަންގާފަ އެވެ.
ހަފްތާއެއްގެ މެދުކެނޑުމަކަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިރޭ ފަށާއިރު މި ހަފްތާ ނިއުކާސަލް އަމިއްލަ ދަނޑުގައި ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ. މި ހަފްތާ ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅެން އޮތް މެޗު ވަނީ މި މަހުގެ އަށް ވަނަ ދުވަހު އަވަހާރަވި ރާނީގެ ޖަނާޒާގެ ސެކިއުރިޓީ ކަންކަމާއި ގުޅިގެން ފަސްކޮށްފަ އެވެ.