އަނިޔާ އަށް ފަރުވާ ހޯދަމުން އަންނަ ޔުވެންޓަސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެއްކޮށް ފިޓް ނުވާނަމަ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގައި ވާދަކުރާ ފްރާންސްގެ ޓީމުން ފުރުސަތު ނުލިބޭނެ ކަމަށް ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
މިދިޔަ ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ޕޮގްބާ ޔުވެންޓަސް އަށް ބަދަލުވީ މިދިޔަ ޖުލައި މަހު އެވެ. އެކަމަކު ކަނާތު ކަކުލުގެ މެނިސްކަސް އަށް ލިބުނު އަނިޔާއަކާ ގުޅިގެން ޕޮގްބާ މިހާރު ވަނީ ސާޖަރީ އެއް ހަދައިފަ އެވެ. ޕޮގްބާ އަށް އެންމެ އަވަހަށް ވެސް ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް ބެލެވެނީ ނޮވެމްބަރު މަހު އެވެ.
މި މަހު ޔޫއެފާ ނޭޝަންސް ލީގުގައި އޮސްޓްރިއާ އާއި ޑެންމާކާ ވާދަކުރަން ނެގި ފްރާންސްގެ ސްކޮޑުން ޕޮގްބާގެ އިތުރުން މުހިއްމު ބައެއް ކުޅުންތެރިންނަށް ފުރުސަތެއް ނުލިބުނެވެ.
"ޕޮގްބާގެ އިންޓަވެންޝަން ތަކާއި ފަރުވާގެ ޕްރޮޓޮކޯލަށް ބަލާއިރު މިވަގުތު އަހަރެންނަށް އެއްވެސް ޔަގީންކަމެއް ނުދެވޭނެ ގައުމީ ޓީމުން ފުރުސަތު ލިބޭނެކަމުގެ. އަހަރެން ކޮންމެ ދުވަހަކު ޕޮގްބާއާ ވާހަކަދައްކަން. އަހަރެން މިތާ މިހުރީ އެންމެ މުބާރާތަކަށް ކުޅުންތެރިއަކު ނަގާކަށް ނޫން. އެއްކޮށް ފިޓް ނުވާނަމަ ޕޮގްބާ އަށް ފުރުސަތެއް ނުލިބޭނެ" ކޯޗު ޑެޝޯމްޕްސް ބުންޏެވެ.
މިފަހަރު ނެގި ފްރާންސްގެ ޓީމުގައި އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާ ހިމަނާފައެއްނުވެ އެވެ. އަދި އެންގޯލޯ ކަންޓޭ އާއި ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އާއި ލޫކަސް ހެނާންޑޭޒް އަދި ކިންގްސްލީ ކޯމާން އަށް ވެސް ޓީމުން ފުރުސަތެއް ނުލިބުނެވެ.
ޕޮގްބާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސް ކާމިޔާބު ކުރިއިރު މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެކަމަކު އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕްގެ ޕޮގްބާ ފެނިދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
ޑެޝޯމްޕްސް އިތުރަށް ބުނީ ޕޮގްބާ އަނިޔާއިން ރަނގަޅުވެއްޖެ ނަމަ އެއީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކަމަކު އެއްކޮށް ފިޓްނުވެ ގައުމީ ޓީމާ ގުޅެން ޕޮގްބާ ވެސް ބޭނުން ނުވާނެކަމަށެވެ.
ވޯލްޑް ކަޕްގައި ފްރާންސް ހިމެނޭ ގްރޫޕުގައި އެގައުމު ވާދަކުރާނީ އޮސްޓްރޭލިއާ، ޑެންމާކް އަދި ޓިއުނީޝިއާއާ އެވެ. ފުރަތަމަ މެޗުގައި ނޮވެމްބަރު 23 ވަނަ ދުވަހު ފްރާންސް ވާދަކުރާނީ އޮސްޓްރޭލިއާއާ އެވެ.