ޕްރިމިއާ ލީގް

ގޯލު ނުޖެހުނަސް ސޮންއާ މެދު އިތުބާރު އެބައޮތް

މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓު ހޯދި ސޮން ހެއުން މިން އަށް މި ސީޒަނުގައި ގޯލު ނުޖެހެނީ "ކޮންފިޑެންސް" ނެތުމުން ކަމަށާއި އުއްމީދަކީ ސޮންގެ ގޯލުތައް ފެނުން ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ސޮން ވަނީ 23 ލަނޑު ޖަހައި ލިވަޕޫލްގެ ސަލާހްއާ އެކު ރަން ބޫޓު ހޯދައިފަ އެވެ.

ސައުތު ކޮރެއާ އަށް އުފަން ސޮން ވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓު ހޯދި އޭޝިއާގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މިދިޔަ ސީޒަން ފޯމުގައި ނިންމާލި ނަމަވެސް މި ސީޒަނުގެ ލީގުގައި ފުރަތަމަ ކުޅުނު 6 މެޗުގައި ވެސް ސޮން އަށް ގޯލެއް ނުޖެހެ އެވެ. މުޅި ސީޒަނަށް ބަލާއިރު 30 އަހަރުގެ ސޮން އަށް ގޯލެއް ނުޖެހޭތާ 8 މެޗު ވަނީ ވެފަ އެވެ.

"ގޯލު ނުޖެހޭތީ ސޮން ހުރީ ކަންބޮޑުވެފަ. ސޮން ބޭނުންވޭ މި ހާލަތު ބަދަލުކުރަން. އަހަރެމެން ވެސް ބޭނުންވަނީ އެގޮތް. އެކަމަކު ގޯލު ނުޖެހުނަސް ސޮންގެ މުހިއްމުކަން ނުގެއްލޭނެ. އެއީ ޓީމުގައި ހުރި އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ" ލީގުގައި މިރޭ ލެސްޓާ ސިޓީއާ ވާދަކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓޭ ބުންޏެވެ.

ސޮންގެ ގޯލުތައް ގިނައިން ފެނުނީ މިދިޔަ ސީޒަނުގެ ފަހުކޮޅު އެވެ. ކޮންޓޭ ބުނީ ލީގުގެ ރަން ބޫޓު ހޯދާ ކުޅުންތެރިއަކަށް ޖެހިގެން އަންނަ ސީޒަނުގައި ކުރާ އުއްމީދު ބޮޑުވާނެ ކަމަށާއި، އެ ހުރިހާ ކަމަކާއެކު ސޮންގެ "ކޮންފިޑެންސް" މިވަގުތު ދަށްކޮށް ހުރީ ކަމަށެވެ.

"ގޯލު ނުޖެހޭނަމަ ކޮންފިޑެންސް ދަށަށް ދާނެ. އެންމެން ވެސް އުއްމީދު ކުރާނީ ސަލާހްއާ އެއްވަރަށް ސޮން ގޯލު ޖަހަން. ސޮން އަކީ މި ހާލަތުން އަރައިގަނެވޭނެ ކުޅުންތެރިއެއް. ގޯލު ނުޖެހުނަސް މުޅި ޓީމާ، ސަޕޯޓަރުންނާ މުޅި ޓޮޓެންހަމް އޮތީ ސޮންއާ އެކު" ސޮންއާ މެދު އިތުބާރު އޮތްކަން ހާމަކުރަމުން ކޮންޓޭ ބުންޏެވެ.

ޕްރިމިއާ ލީގުގައި މިރޭ ލެސްޓާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޓޮޓެންހަމް ނުކުންނައިރު ސޮން އަށް ފުރަތަމަ އެގާރައިން ކޯޗު ފުރުސަތު ނުދޭނެކަމަށް މީޑިއާގައި ވާހަކަ ދެކެވެއެވެ. ސޮން ފިޓްކޮށް ހުއްޓައި ޕްރިމިއާ ލީގުގެ މެޗެއްގައި އެންމެ ފަހުން ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނީ 2020 ވަނަ އަހަރު ބޯންމައުތާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗެއްގަ އެވެ.

ކޮންޓޭ ބުނީ މިރޭގެ މެޗުގައި ސޮން ހިމެނުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެކަމަކު ވަރުގަދަ މެޗުތަކެއް ފުލުފުލުގައި ކުޅޭތީ ކުޅުންތެރިޔާ ވަރުބަލިވާނެކަމަށް ކޮންޓޭ ބުނެފައިވެ އެވެ.

ޓޮޓެންހަމް އާއި ލެސްޓާ ވާދަކުރާ މެޗު ފަށާނީ މިރޭ 9:30 ގަ އެވެ. ލީގުގައި މިއަދު ހަވީރު 4:30 ގައި މެންޗެސްޓާ ސިޓީ އިން ރަށުން ބޭރުގައި ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.