އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހެރީ ކޭން ޖެހި ރެކޯޑް ގޯލާ އެކު ޓޮޓެންހަމް ހޮޓްސްޕާ އިން އަމިއްލަ ދަނޑުގައި 0-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.
ރޭގެ ގޯލާ އެކު ކޭން ވެފައިވަނީ ޓޮޓެންހަމްގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. ކުރިން ކޭން އެ ރެކޯޑް ހިއްސާކުރީ ޖިމީ ގްރީވްސްއާ އެވެ. ގްރީވްސް 266 ގޯލު ޖެހިއިރު ކޭން ވަނީ 267 ގޯލު ޖަހައިފަ އެވެ.
29 އަހަރުގެ ފޯވާޑް ޓޮޓެންހަމަށް ފުރަތަމަ ގޯލު ޖަހައިދިނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެފަހުން އެޓީމުން ގަވައިދުން ޖާގަ ހޯދަމުން އައިސް ކޭން ވެފައިވަނީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަށެވެ.
ކޭންގެ ގޯލާ އެކު އޭނާ މިހާރު ވަނީ ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ ދެވަނައާ ވެސް ގާތަށް ޖެހިލާފަ އެވެ. ލަނޑު ލިސްޓުގެ ދެވަނައިގައި އޮތީ 208 ގޯލު ޖަހާފައިވާ ކުރީގެ ފޯވާޑް ވޭން ރޫނީ އެވެ. ކޭން މިހާރު ވަނީ 200 ގޯލު ޖަހައިފަ އެވެ. ޕްރިމިއާ ލީގު ތާރީހުގައި އެންމެ ގިނައިން ލަނޑު ޖަހާފައިވަނީ 260 ޖަހާފައިވާ އެލެން ޝިއެރާ އެވެ.
ރޭގެ މެޗު ފަށައިގެން ސިޓީ އިން ދިޔައީ މޮޅަށް ކުޅެ ޓޮޓެންހަމަށް ޕްރެޝަރު ކުރަމުންނެވެ. އެކަމަކު ސިޓީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކޭން ވަނީ 15 ވަނަ މިނެޓުގައި ލީޑު ނަގައިދީފަ އެވެ. އޭރިޔާ ތެރެއިން ހުހަށް ލިބުނު ބޯޅަ ކޭން ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.
މި ގޯލަށް ފަހު މެޗުގެ ބާކީބައި އެއްކޮށް ޓޮޓެންހަމުން ސިޓީ ހިފެހެއްޓި އެވެ. މެޗުގެ ފަހުކޮޅު ސިޓީ އިން ދެފަހަރަކު ޕެނަލްޓީއަކަށް އެޕީލްކުރި އެވެ. ދެވަނަ ހާފުގައި ސިޓީ އިން ވަނީ ބެންޗުގައި އިން ކެވިޑް ޑި ބްރޭނާ އަރުވައިގެން ވެސް ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ.
މުހިއްމު މެޗަކުން ބަލިވުމާ އެކު އެއްވަނައިގައި އޮތް އާސެނަލްއާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ސިޓީ އަށް ގެއްލުނީ އެވެ. އާސެނަލް 20 މެޗުން 50 ޕޮއިންޓް ހޯދާފައިވާއިރު ސިޓީ އަށް 21 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. ޓޮޓެންހަމް މިހާރު ވަނީ 22 މެޗުން 39 ޕޮއިންޓް ހަމަކޮށް ފަސް ވަނަ އަށް ކުރިއަށް ޖެހިލާފާ އެވެ.