ކުޅިވަރު

ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް ސިޓީ އަށް ހަމަޖެހުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ދެ ގޯލު ފަހަތުގައި އޮވެ ދެވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކުރި މެޗުން 2-4 އިން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

ޓޮޓެންހަމް މެޗުގެ ކުރިން، ލީގުގައި ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ ވަނީ ބަލިވެފަ އެވެ. އެހެންވެ ލީގު ރޭހުގައި އާސެނަލް ފަހަތުގައި ވިއްދަން ރޭގެ މެޗުން މޮޅުވުން ސިޓީ އަށް އޮތީ މަޖުބޫރުވެފަ އެވެ.

ސިޓީ އިން މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި މުހިއްމު ކުޅުންތެރިޔާ ކެވިން ޑި ބްރޭނާ ހިމަނާފައެއްނުވެ އެވެ. ބަދަލުތަކަކާ އެކު ނުކުމެ ފުރަތަމަ ހާފުގައި ސިޓީ އަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. މި ހާފު ޓޮޓެންހަމުން ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. ފުރަތަމަ ގޯލު 44 ވަނަ މިނެޓުގައި ޖެހީ ޑެޔަން ކުލުސެވްސްކީ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހެރީ ކޭންގެ އެހީގައި އެމަސަން ރޮޔާލް ވަނީ ޓޮޓެންހަމަށް ލީޑު ފުޅާކޮށްދީފަ އެވެ.

ދެވަނަ ހާފުގައި ސިޓީ އަށް އުއްމީދެއް ލިބުނީ 51 ވަނަ މިނެޓުގައި ހޫލިއަން އަލްވަރޭޒް ޖެހި ގޯލުންނެވެ. މިއީ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އެނބުރި އައިސް ލީގުގައި އަލްވަރޭޒް ސިޓީ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އޭގެ ދެ މިނެޓު ފަހުން އާލިން ބްރައުޓް ހާލަންޑް ވަނީ ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށް ސިޓީ އިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ލީޑު ނަގައިފަ އެވެ. އެޓީމުގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ރަނގަޅު ފޯމެއްގައި ހުރި ރިޔާދް މާރޭޒް އެވެ. ސިޓީ އަށް ލީޑު ލިބުނު ގޯލު މާރޭޒް ޖެހީ 63 ވަނަ މިނެޓުގަ އެވެ. އޭގެފަހުން މޮޅު ކަށަވަރުކޮށްދިން ހަތަރު ވަނަ ގޯލު ޖެހީ ފަހު މިނެޓުގަ އެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ފަހަތުން އަރައި މޮޅުވުމުން ވަރަށް އުފާވާ ކަމަށާއި ބޭނުންވަނީ އެ ރޫހުގައި ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް ތިބުން ކަމަށެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީ ދެ ގޯލު ފަހަތުގައި އޮތުމުން ދަނޑުގައި ތިބި ސަޕޯޓަރުންގެ ނުރުހުން ޓީމަށް އަމާޒުވި އެވެ. ގާޑިއޯލާ ބުނީ ޓީމު ކުރިއަށް ގެންދަން ބޭނުންވަނީ ސަޕޯޓަރުން ދަނޑުމަތީގައި ތިބެ ކުރާ ހިތްވަރާ އެކު ކަމަށެވެ.

މުހިއްމު މޮޅާ އެކު ސިޓީ ވަނީ އެއްވަނައިގައި އޮތް އާސެނަލާ ފަސް ޕޮއިންޓަށް ކައިރިކޮށްފަ އެވެ. އާސެނަލަށް 18 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު ސިޓީ އަށް 19 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ.