ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއި މޯލްގައި އައިފޯންގެ އެންމެ ފަހުގެ ފޯންތައް ވިއްކަން ހުޅުވާލިތާ 45 މިނިޓް ތެރޭގައި ބައެއް ފޯންތައް ރިޒާވްކޮށް، ބާކީ ހުރި ހުރިހާ ފޯނެއް ވިކި ހުސްވެއްޖެ އެވެ.
މޯލް ހުޅުވުމުގެ ކުރިން އައިފޯންގެ އާ ފޯން ހޯދުމަށް އެތައް ސަތޭކަ މީހުންގެ ދިގު ކިއުއެއް ދުރަށް ދަމާލާފައި އޮތެވެ.
ފިހާރައިގެ މުވައްޒަފުން ދޮރުކައިރި ތިބެ 8:00 ޖަހާއިރަށް ފިހާރަ ހުޅުވަންދެން ކައުންޓްޑައުން ދެމުން ގެންދިޔަ އެވެ.
ޔޫއޭއީ އަކީ އެޕަލް އައިފޯންގެ 14 ވަނަ ސީރީޒް ރިލީޒްކުރާ އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.
އެޕަލް އައިފޯން 14 އަދި 14 ޕްރޯ ސީރީޒްގެ ފޯނުތަކުގެ އައު ފީޗާސްތަކުގެ ތެރޭގައި މުޅި ދުވަހު ޗާޖް ދެމެހެއްޓުން، ހާލުގައި ޖެހޭހިނދު ސެޓަލައިޓް މެދުވެރިކޮށް އެސްއޯއެސް ސިގްނަލް ފޮނުވުން، ކްރޭޝް ޑިޓެކްޝަން އަދި 5ޖީ ކަނެކްޝަންގެ އިތުރުން އެންހޭންސްޑް ކެމެރާ ފަންކްޝަން ހިމެނެ އެވެ.
މި ފޯނުގެ އިޝްތިހާރުން ފެންނަ ގޮތުގައި މި ފޯން ބޭނުންކޮށްގެން ފޯކޭ ކޮލިޓީ ފިލްމް އަދި ވީޑިއޯ މާބޮޑަށް ނުތަޅުވާ ޝޫޓް ކުރެވެ އެވެ.
ދިވެހިރާއްޖޭގެ މާކެޓަށް ދިރާގު އަދި އޫރީދޫ މެދުވެރިކޮށް އައިފޯން 14 އަދި 14 ޕްރޯ ސީރީޒްގެ ފޯންތައް ވިއްކާ އަގުތަކަކީ 24،000 އާއި 27،000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. ދިރާގު ވެބްސައިޓުން ދައްކާ ގޮތުގައި އެ ކުންފުނިން ރާއްޖޭގެ ބާޒާރަށް ފުރަތަމަ ބުރުގައި ނެރޭ އައިފޯންގެ ހުރިހާ ފޯނެއް ވަނީ ވިކިފަ އެވެ.