ދުނިޔެ

ޕޫޓިން ޔޫރަޕަށް: ގޭސް ބޭނުން ނަމަ ނޯޑް ސްޓްރީމް 2 ހުޅުވާ

ޔޫރަޕަށް ގޭސް ނުލިބިގެން އުޅެނީ ރަޝިއާގެ ސަބަބުން ނޫން ކަމަށް ޕޫޓިން ވިދާޅުވެއްޖެ އެވެ.

ޔޫރަޕަށް ގޭސް ފޯރުކޮށް ދިނުމަށް "ނޯޑް ސްޓްރީން 1" އަދި "ސްނޯޑް ސްޓްރީމް 2"ގެ ނަމުގައި ކަނޑުއަޑިން ހޮޅިތަކެއް އަޅާފައި އޮތްއިރު، ހޮޅިތަކުގެ ބޭނުން އެކަށީގެންވާ ގޮތުގައި ނުހިފިގެން އުޅެނީ ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ނޫން ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ނޯޑް ސްޓްރީމް 1 މަރާމާތަށް ބަންދުކުރަން ޖެހުނީ ޔޫރަޕުން ލިބެންޖެހޭ ޓާބައިން ނުލިބުމާއި މަރާމާތަށް ބޭނުންވާ ސާމާނު ޔޫރަޕުން ފޯރުކޮށް ނުދިނުމުންނެވެ.

ނޯޑް ސްޓްރީމް 2 ވެސް އެ އޮތީ ހޮޅިއެޅި ގޮތަށް ބޭނުންނުކޮށް ކަމަށް ޕޫޓިން ވިދާޅުވި އެވެ. އެ ހޮޅިތަކުގެ ޖަރުމަނު ކޮޅު ބަންދުކޮށްފައި ހުރުމުން ރަޝިއާ އިން ގޭސް ފޮނުވި ނަމަވެސް ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އުޒްބެކިސްތާންގެ ސަމަރުގަންދުގައި އޮތް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓަށް ފަހު ނޫސްވެރިނާ ބައްދަލުކުރައްވައި ޕޫޓިން ވިދާޅުވީ ޔޫރަޕަށް ބޭނުން ވަރަކަށް ގޭސް ލިބޭނެ ކަމަށާއި ނޯޑް ސްޓްރީމް 2 ހުޅުވާލުމުން އެކަން އެ އޮތީ ނިމިފައި ކަމަށެވެ.

ޔޫރަޕުން އިޚުލާސްތެރިކަމާ އެކު ގޭސް ހޯދަން މަސައްކަތްކުރާ ނަމަ ރަޝިއާ ހުރަސްއަޅާ ކަމަށް އެ ބުނާ ތަން ނުފެންނާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. ޔޫރަޕަށް ގޭސް ފޯރުކޮށްދިނުމަށް ރަޝިއާ ވެފައި އޮތް ވައުދު ދަމަހައްޓަވާނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ނޯޑް ސްޓްރީމް 2 އަކީ ބޯލްޓިކް ކަނޑު އަޑިން ޖަރުމަނަށް އަޅާފައި އޮތް ދެހޮޅި އެވެ. އެ ދެ ހޮޅި އަޅައި މަސައްކަތް ނިންމާފައި އޮންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވީ އެވެ. އެހެން ނަމަވެސް، ހޮޅިތައް ބޭނުންކުރަން ފަށަން ޖަރުމަނުން ދޭންޖެހޭ ހުއްދަ އަދިވެސް ނުދެ އެވެ. އެއީ އެކަމަކު ޖަރުމަނަށާއި ޔޫރަޕްގެ ބައެއް އެހެން ގައުމުތަކަށް ގޭސް ފޯރުކޮށް ދިނުމަށް އަޅާފައި އޮތް ދެ ހޮޅި އެވެ.

ރަޝިއާ ސިފައިން ފެބްރުއަރީ 24ގައި ޔުކްރޭނަށް އަރައިގަތުމުގެ ކުރިންވެސް އެ ހޮޅިތައް ބޭނުންކުރާކަށް ނުފަށަ އެވެ.

ރަޝިއާ، ޔުކްރޭން މަސްރަހު ހޫނުވާން ފެށުމާ އެކު ނޯޑް ސްޓްރީމް 2 ބޭނުންކުރުމާ މެދު ޖަރުމަނުން ވަކި ގޮތެއް ނުނިންމާ ބޭއްވީ އެވެ. އަދި ހަނގުރާމަ ފެށުމުން ނޯޑް ސްޓްރީމް 2 ބޭނުން ނުކުރަން ނިންމީ އެވެ.

އެހެން ނަމަވެސް، މުޅި ޔޫރަޕުން މިހާރު ބުނަނީ ޔޫރަޕަށް ބޭނުންވާ ގޭސް ނުލިބެނީ ރަޝިއާގެ ސަބަބުން ކަމަށެވެ.

މި އަންނަ ފިނި މޫސުމުގައި ޔޫރަޕުން ގިނަ ބަޔަކު މަރުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. އަދި އެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ ރަޝިއާ އިން ކަމަށްވެސް ވަނީ ބުނެފަ އެވެ.