ބޭރު ކުޅިވަރު

ބަޔާން މިއުނިކް ބަލިވެ އެއްވަނަ ޑޯޓްމަންޑަށް

ޖަރުމަނު ބުންޑަސްލީގާގައި ރޭ ބަޔާން މިއުނިކް ބަލިވުމުގެ ފައިދާ ނަގައި ބޮރޫޝިއާ ޑޯޓްމަންޑް ލީގުގެ އެއްވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

ރޭ ރަށުން ބޭރުގައި އޯގްސްބާގްއާ ވާދަކޮށް ބަޔާން ބަލިވީ 0-1 އިންނެވެ. އަމިއްލަ ދަނޑުގައި ޑޯޓްމަންޑް ވަނީ 0-1 އިން ޝާލްކޭ ބަލިކޮށްފަ އެވެ.

ލީގުގެ އެއް ވަނައިގައި ޑޯޓްމަންޑް އޮތީ ހަތް މެޗުން ލިބުނު 15 ޕޮއިންޓާ އެކު އެވެ. ބަޔާން އޮތީ ހަތް މެޗުން ލިބުނު 12 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ދެވަނައިގައި އޮތް ޔޫނިއަން ބާލިން އަށް 14 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ފްރެއިބާގަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. މި ހަފްތާ ކުޅޭ މެޗުތަކުން މޮޅުވެގެން މި ދެޓީމަށް ތާވަލުގެ ކުރިއަށް ޖެހިލެވޭނެ އެވެ.

ރޭގެ މެޗަކީ މި ސީޒަނުގައި ބަޔާންގެ ފުރަތަމަ ބައްޔެވެ. އަނެއްކޮޅުން މިއީ އަމިއްލަ ދަނޑުގައި އޯގްސްބާގް މި ސީޒަނުގައި ހޯދި ފުރަތަމަ މޮޅެވެ.

މެޗުގެ ހަމައެކަނި ގޯލު އޯގްސްބާގަށް ކާމިޔާބުކޮށްދިނީ މާގިމް ބެރީޝާ އެވެ. މެޗުގައި ބަޔާނުން ގޯލެއް ޖެހޭތޯ މަސައްކަތް ކުރިނަމަވެސް އޯގްސްބާގުން ވަނީ ވަރުގަދައަށް ޑިފެންސްކޮށްފަ އެވެ. ހައިރާންކުރުވަނިވި މޮޅަށް ފަހު އޯގްސްބާގުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

ބަޔާންގެ ފޯމު ލީގުގައި ދަށް ނަމަވެސް ޗެމްޕިއަންސް ލީގުގެ ފުރަތަމަ ދެ މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ. ލީގުގައި އެޓީމަށް މޮޅެއް ނުލިބި މިހާރު ވަނީ ހަތަރު މެޗު ވެފަ އެވެ. ރޭގެ މެޗުގެ ކުރިން ލީގުގައި އެޓީމު ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.

ޑޯޓްމަންޑުން ޝާލްކޭ ބަލިކުރި މެޗުގެ ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 17 އަހަރުގެ ޔޫސުފް މުކޯކޯ އެވެ. މެޗުގައި ޑޯޓްމަންޑަށް ކުރިމަތިވި މައްސަލައަކީ އަނިޔާވެ މާކޯ ރިއުސް ބާލަން ޖެހުމެވެ. ރިއުސް އަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ނުލިބުނު ނަމަވެސް ވޯލްޑް ކަޕާ ދިމާކޮށް އޭނާ އަށް އަނެއްކާ ވެސް އަނިޔާވުމަކީ ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމަށް އޮތް ގޮންޖެހުމެކެވެ. އަނިޔާގެ ސަބަބުން ބައިނަލްއަގްވާމީ މުހިއްމު މުބާރާތްތަކެއް މީގެ ކުރިން ވެސް ރިއުސް އަށް ވަނީ ގެއްލިފަ އެވެ.