މި ސީޒަނުގައި ގޯލު ނުޖެހޭތީ ޕްރެޝަރާ ކުރިމަތިލާން ޖެހުނު ސޮން ހެއުން މިންގެ ހެޓްރިކާ އެކު ޓޮޓެންހަމް ހޮޓްސްޕާސް އިން ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-6 އިން ލެސްޓާ ސިޓީ ބަލިކޮށްފި އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ސޮން އަށް ގޯލު ނުޖެހެނީ އެވަރުގެ "ކޮންފިޑެންސް" މިހާރު ނެތުމުން ކަމަށާއި އެކަމަކު ސޮން އަބަދުވެސް ވާނީ އެޓީމަށް ހާއްސަ ކުޅުންތެރިއަކަށް ކަމަށެވެ.
ލީގުގެ ފުރަތަމަ ހަ މެޗުގައި ގޯލު ނުޖެހުމުން ރޭ ޓޮޓެންހަމުން މެޗު ފެށީ ސޮން ބެންޗުގައި ބައިންދައިގެންނެވެ. މިއީ ފިޓްކޮށް ހުއްޓައި 2020 ވަނަ އަހަރުގެ ފަހުން ސޮން ބެންޗުކުރި ފުރަތަމަ ފަހަރެވެ.
ސޮން އޭނާގެ ފެންވަރު ސާބިތުކޮށްދިނީ ބެންޗުން ކުޅެން އެރުވުމުން ލިބުނު ފުރުސަތުތަކުގަ އެވެ. ރިޗާލިސަންގެ ބަދަލުގައި ސޮން މެޗުގައި ކުޅެން އެރީ 59 ވަނަ މިނެޓުގަ އެވެ. އޭނާ ކުޅެން އެރިއިރު ޓޮޓެންހަމް އޮތީ 2-3 އިން ކުރީގަ އެވެ.
މެޗުގައި ސޮންގެ ފުރަތަމަ ގޯލު ޖެހީ 73 ވަނަ މިނެޓުގަ އެވެ. އޭރިއާ ބޭރުން އޭނާ ފަޔަށް އެރި ބޯޅަ ވަރަށް މޮޅަށް ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ. މި ގޯލަށް ފަހު ސޮން ހަމަހިމޭންވިއިރު އޭނާ ހުރީ ފެންކަޅިވެފަ އެވެ. ސޮން ދެވަނަ ގޯލު ޖެހީ 84 ވަނަ މިނެޓުގަ އެވެ. ހެޓްރިކް ފުރިހަމަކުރި ގޯލު ޖެހީ އޭގެ ދެ މިނެޓު ފަހުންނެވެ.
ސޮންގެ އިތުރުން ޓޮޓެންހަމްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހެރީ ކޭން އާއި ބެންޓެންކުއާ އެވެ. ލެސްޓާގެ ފުރަތަމަ ގޯލު ޔޫރީ ޓީލަމަންސް ޕެނަލްޓީއަކުން ޖެހިއިރު ދެވަނަ ގޯލު ޖެހީ ޖޭމްސް މެޑިސަން އެވެ.
މެޗަށް ފަހު ސޮން ބުނީ ހެޓްރިކް ހެދުމަކީ އޭނާ އަށް ލިބުނު އާދަޔާހިލާފު އުފަލެއް ކަމަށާއި ދެއްކުނު ކުޅުމާ މެދު އޭނާ ފަހުރުވެރިވާ ކަމަށެވެ.
"ގޯލު ޖެހުމުން އަހަރެންނަށް ގަބޫލުވެސް ނުކުރެވުނު. ހުރިހާ ނުތަނަވަސްކަމެއް ދިޔަ. އަހަރެންނަށް މާދުރަށް ނުދެވި މަޑުކުރެވުނީ. އެއީ ހަމަ އުފަލުން ވީގޮތެން" ފުރަތަމަ ގޯލުގެ އިހުސާސްތައް ކިޔައިދެމުން ސޮން ބުންޏެވެ.
ހަތް މެޗުން ހޯދި 17 ޕޮއިންޓާ އެކު ޓޮޓެންހަމް މިވަގުތު އޮތީ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވެސް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު މިއަދު ހަވީރު ބްރެންޓްފޯޑް ބަލިކޮށްފިނަމަ މި ދެޓީމު ފަހަތަށް ޖައްސާލައި އާސެނަލް އެއްވަނަ އަށް އަރާނެ އެވެ.