އިސްލާމިކް ސްޓޭޓް

އިސްތަންބޫލުގައި ދިން ހަމަލާގެ ޒިންމާ އައިއެސް ނަގަން ޖެހޭ: އޮފިޝަލުން

ތުރުކީގެ އިސްތަންބޫލުގައި އިއްޔެ ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއަކީ އައިސިސް އަށް ނިސްބަތްވާ މީހަކު ދިން ހަމަލާއެއް ކަމަށާއި އެ ހަމަލާގެ ޒިންމާ އައިއެސް އިން ނަގަން ޖެހޭނެ ކަމަށް ތުރުކީގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ޓޫރިސްޓުންގެ މެދުގައި މަގުބޫލް، ސުލްތާން އަހުމަދު ބްލޫ މިސްކިތް ހުންނަ ސަރަހައްދުގައި ދިން މި ހަމަލާގައި 10 މީހުން މަރުވި އިރު އޭގެތެރެއިން 8 މީހުންނަކީ ޖަރުމަނަށް ނިސްބަތްވާ މީހުން ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

މި ހާދިސާއަށް ފަހު ތުރުކީގެ ބޮޑު ވަޒީރު އަހްމެތު ދައުތޯލް ވިދާޅުވީ މިހަމަލާގެ ތަހުގީގު ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ހަތިޔާރު އެޅި ގްރޫޕް، އައިއެސް "އެއްވެސް ނުރައްކަލެއް" ނޯންނާނެ ކަމަށެވެ.

"ޓެރަރިސްޓް ޖަމާއަތާއި ގުޅުން އޮންނަ ހުރިހާ އެންމެން ހޯދާ ހައްޔަރު ކުރާނަން. އަދި އެމީހުންނަށް ހައްގު އަދަބު ދޭނަން،" ދައުތޯލް ވިދާޅުވި އެވެ.

ޖާނުން ފިދާވެގެން އިއްޔެ ބޮމުގެ ހަމަލާ ދިން ކަމަށް ތުރުކީގެ ސަރުކާރުން ތުހުމަތު ކުރަނީ ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ނަބީލް ފާދިލްގެ މައްޗަށެވެ. ނަބީލް އަކީ ތުރުކީގެ "ސެކިއުރިޓީ ވޮޗްލިސްޓް" ގައި ހިމެނޭ މީހެއް ނޫން ކަމަށާއި އޭނާ ތުރުކީއަށް އެތެރެވެފައިވަނީ ދާދި ފަހުން ސީރިޔާ މަގުން ކަމަށް ތުރުކީ ސަރުކާރުން ތުހުމަތު ކުރެ އެވެ.

މި ހަމަލާގައި 10 މީހުން މަރުވެ 15 މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާތީ ފުލުހުން ވަނީ އެސަރަހައްދުގައި ދެވަނަ ބޮމެއް ގޮއްވާލުމުގެ ފުރުސަތު ނުދިނުމަށް އެސަރަހައްދު ބަންދުކޮށް ފޯރިމަރަން ފަށާފަ އެވެ.

އައިއެސް ޖަމާއަތުންވަނީ މިދިޔަ އަހަރުވެސް ތުރުކީގައި ބޮމުގެ ދެ ހަމަލާ ދީފަ އެވެ. އެހަމަލާތަކުގައި 100 އެއްހާ މީހުން މަރުވި އެވެ. އިއްޔެގެ ހަމަލާގެ ފަހުން ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވީ ޓެރަރިސްޓުންނަކީ މުޅި އިންސާނިއްޔަތުގެ ދުޝްމަނުން ކަމަށެވެ.