ކްރިމިނަލް ކޯޓް

އަލަމްގީރަށް އިތުރު 40 ދައުވާކޮށްފި

Sep 18, 2022

ގިނަ އަދަދެއްގެ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހުކުމެއް ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްގެ މައްޗަށް އިތުރު 40 ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނީ އަލަމްގީރްގެ މައްޗަށް އުފުލި 40 ދައުވާ އަކީ ވެސް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާ ކަމަށެވެ. މިދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އަލަމްގީރް މިހާރު ވެސް ގެންދަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. މިއީ އޭނާގެ މައްޗަށް ދައުލަތުން އުފުލި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާއަށް އިއުތިރާފްވެ ތަންފީޒުކުރަމުންދާ ހުކުމެކެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މިހާތަނަށް ދައުވާ އުފުލާފައިވަނީ އަލަމްގީރުގެ އިތުރުން ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދާއި އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ. ނާޒިމް އާއި ރަފީއު ކުށަށް އިއުތިރާފްވެފައިވާއިރު ނާޒިމް ގެންދަނީ ތިން މަހާއި 26 ދުވަހުގެ ގޭބަންދު ހުކުމެެއް ތަންފީޒުކުރަމުންނެވެ. ރަފީއުއަށް އަންނަ ބުރާސްފަތި ދުވަހު ހުކުމް ކުރާނެ އެވެ.