ކުޅިވަރު

15 އަހަރުގެ ވަނޭރީއަށް ޕްރިމިއާ ލީގުގައި ތާރީހީ ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިއަކަށް އާސެނަލްގެ އުމުރުން އެންމެ 15 އަހަރުގެ އީތަން ވަނޭރީ ވެއްޖެ އެވެ.

އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ވަނޭރީ ހެދީ މިއަދު ހަވީރު އާސެނަލުން ރަށުން ބޭރުގައި 3-0 އިން ބްރެންޓްފޯޑް ބަލިކުރި މެޗުގައި ކުޅެން އަރައިގެންނެވެ.

އާސެނަލްގެ ސީނިއާ ޓީމުގައި ހިމަނައި ކޯޗު މިކޭލް އާޓެޓާ ވަނޭރީ ކުޅެން އެރުވީ މެޗުގެ ފަހު މިނެޓުގަ އެވެ.

މިއަދުގެ މެޗުގައި ކުޅުނުއިރު ވަނޭރީގެ އުމުރަކީ 15 އަހަރާ 181 ދުވަހެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 16 އަހަރާއި 30 ވަނަ ދުވަހު ފުލަމް އަށް ޕްރިމިއާ ލީގުގައި ކުޅުނު ހާވީ އެލިއޮޓް އަތުގަ އެވެ.

ސްކޫލުގައި އުޅޭ ވަނޭރީ އާސެނަލްގެ ޔޫތު ޓީމާ ގުޅުނީ 2016 ވަނަ އަހަރު އެވެ. މިޑްފީލްޑަށް ކުޅޭ ވަނޭރީ އަކީ އިންގްލެންޑުގެ 16 އަހަރާއި 17 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ.

މޮޅާ އެކު އާސެނަލް ވަނީ އަލުން ލީގުގެ އެއްވަނަ އަށް އަރައިފަ އެވެ. އެޓީމަށް ހަތް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.

ލީގުގައި އާސެނަލް ދެން ކުޅޭ މެޗުގައި އޮކްޓޫބަރު އެއްވަނަ ދުވަހު ނުކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.

މެޗުގައި އާސެނަލްގެ ފުރަތަމަ ގޯލު ލިބުނު ކޯނަރަކުން 17 ވަނަ މިނެޓުގައި ޖެހީ ވިލިއަމް ސަލީބާ އެވެ. ބުކާޔޯ ސަކާ ނަގައިދިން ކޯނަރު ސަލީބާ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. މިއީ މިފަހަރުގެ ލީގުގައި ސަލީބާ ޖެހި ތިންވަނަ ލަނޑެވެ.

އާސެނަލްގެ ދެވަނަ ލަނޑު 28 ވަނަ މިނެޓުގައި ޖެހީ ގެބްރިއަލް ޖީސުސް އެވެ. އޭރިޔާ ބޭރުން ގްރަނިޓް ޝާކާ ނަގައިދިން ހުރަސް ބޮލުން ޖަހައި ޖީސަސް ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. އާސެނަލްގެ ފަހު ލަނޑު ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ޖެހީ ފަބިއޯ ވިއޭރާ އެވެ. ސަކާ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު އޭރިޔާ ބޭރުން ވިއޭރާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. މިއީ މި ސީޒަނުގައި އާސެނަލަށް ބަދަލުވުމަށް ފަހު ވިއޭރާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އާސެނަލުން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އެޓީމުގެ އެންމެ ބޮޑު އަމާޒަކީ އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމެވެ. މިދިޔަ ސީޒަނުގެ ފަސްވަނަ ލިބުމުން މި ސީޒަނުގައި އެޓީމު ވާދަކުރަނީ ޔޫއެފާ ޔޫރޮޕާ ލީގުގަ އެވެ. ޗެމްޕިއަންސް ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނީ 17-2016 ވަނަ ސީޒަނުގަ އެވެ.