ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަކީ ވަރަށް ކަންތައް ބޮޑު ލީޑަރެއް ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ބައެއް ފަހަރު ވިދާޅުވެ އެވެ.
އުރުދުޣާންއާ ހެދި ތަކުލީފުތަކެއް ޖެހިވަޑައިގެންނެވި ނަމަވެސް އެއީ ވަރަށް ރަނގަޅު މަޝްވަރާ އާއި ލަފާދެއްވާ ބޭފުޅެއް ކަމަށްވެސް ޕޫޓިން ވިދާޅުވެ އެވެ.
އުޒްބެކިސްތާންގެ ސަމަރުކަންދުގައި ނިމިގެން ދިޔަ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓްގައި ވާހަކަދައްކަވަމުން އުރުދުޣާން އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައްވައި ޕޫޓިން ވިދާޅުވީ ޔުކްރޭން ހަނގުރާމަ ހުއްޓުވަށް އެންމެ ބޮޑަށް ބާރުއަޅުއްވާ ބޭފުޅަކީ އުރުދުޣާން ކަމަށެވެ.
މަޝްވަރާއިން ހަނގުރާމައަށް ހުއްޓުން އަންނާނެ ކަމަށް އުރުދުޣާން ވިދާޅުވާ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. އެގޮތުގައި އޮތް އެންމެ ސީދާ ގޮތަކީ ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީއާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުން ކަމަށް އުރުދުޣާން ވިދާޅުވި ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި އުރުދުޣާންއާ ބައްދަލުވާ ކޮންމެ ފަހަރަކު ހަނގުރާމަ ހުއްޓުވަން ގޮތެއް ވިދާޅުވާ ކަމަށެވެ. އެކަމަކު މި ފަހަރު ސަމަރުކަންދުގައި ބައްދަލުކުރައްވައި އުރުދުޣާން އެކަހަލަ ވާހަކައެއް ވިދާޅުވި ނުވާ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.
އުރުދުޣާން ކިތަންމެ ވަރަކަށް ހަނގުރާމަ ހުއްޓުވަން މަސައްކަތް ކުރެއްވި ނަމަވެސް ޒެލެންސްކީ ހުންނެވީ ގޮތްދޫކުރައްވާ ގޮތަށް ނޫން ކަމަށް ޕޫޓިން ވިދާޅުވި އެވެ. މަޝްވަރާއާ ހަމައަށް ދެވޭނީވެސް ޒެލެންސްކީ ވެސް އެކަމަށް އެދިވަޑައިގަންނަވާ ނަމަ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރިން ވެސް އުރުދުޣާން ވަނީ ޕޫޓިން އަށް އިންޒާރުދެއްވައި ހަނގުރާމަ ނުފެށުމަށް ވިދާޅުވެފަ އެވެ.
ޔުކްރޭން ހަނގުރާމަ ފެށުމުން ވެސް އުރުދުޣާން ވިދާޅުވީ ހަނގުރާމަ ހުއްޓުވޭނީ ތުރުކީ މެދުވެރިވެގެން ކަމަށެވެ. ޕޫޓިން އަކީ ވަރަށް ރަނގަޅަށް އަޑުއައްސަވާ ބޭފުޅެއް ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ ދެންމެ ދެންމެ ފެށިދާނެހެން ހީވެފައި އޮއްވައި ވެސް އުރުދުޣާން ވަނީ ޕޫޓިން އަށް ތުރުކީއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފަ އެވެ. އެއީ ވެސް ހަނގުރާމަ ނުފަށައި ފަރުޖެއްސޭތޯ ދެއްވި ދައުވަތެއް ކަމަށް އުރުދުޣާން ވިދާޅުވި އެވެ.