ކުޅިވަރު

އަންހެން ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ މުބާރާތް މި މަހު 24ގައި ފަށަނީ

ރާއްޖޭގައި މިހާތަނަށް ބާއްވާ އަންހެން ބާސްކެޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސާބާ ވިމެންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް މި މަހު 24 ގައި ފަށާނެ އެވެ.

ހަ ގައުމު ވާދަކުރާ ބައިނަލްއަގްވާމީ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 24 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ އަންހެން އިންޑޯ ބާސްކެޓްބޯޅައިގެ އެންމެ ފުރަތަމަ މުބާރާތެވެ. ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ބޫޓާން، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ.

ސާބާ ވިމެންސް ބާސްކެޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރު ނޭޕާލުގެ ކަތުމަންޑޫގަ އެވެ. ދެވަނަ މުބާރާތް ރާއްޖޭގައި ބާއްވާއިރު، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ވަނީ އިންޑިއާ އާއި ތައިލެންޑުގައި ކޭމްޕްކޮށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ.

މުބާރާތާ ގުޅޭގޮތުން ވާހަކަދައްކަމުން ގައުމީ ޓީމުގެ އާމިނަތު ޝިއުރާ އަބްދުލް ބާރީ ބުނީ މިފަހަރު ދިވެހި ސަޕޯޓަރުން ކުރިމަތީ މުބާރާތް ކުޅުމަކީ ލިބޭނެ ހިތްވަރެއް ކަމަށާއި ބޭނުންވަނީ ސަޕޯޓަރުން އިންޑޯ ހޯލް ފުރާލައި ޓީމަށް ތަރުހީބު ދިނުން ކަމަށެވެ.

"ވަރަށް ބޮޑަށް އެދެން ޓީމުގެ ފަރާތުން ވީހާވެސް ގިނަ ބަޔަކު އައިސް ސޯޝަލް ސެންޓަރުގެ އިންޑޯ ފުރާލަދިނުން. އެ ވާނެ ވަރަށް ބޮޑު ހިތްވަރަކަށް. އަދި އޭގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނެރެން ވަރަށް އެދެވިގެންވޭ އެ ސަޕޯޓާ އެކީގަ" ޝިއުރާ ބުންޏެވެ.

ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ވަނީ 2016 ވަނަ އަހަރު ކަތުމަންޑޫގައި އޮތް ސާބާ ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދާފަ އެވެ. އަދި އޭގެފަހުން 2019 ވަނަ އަހަރު ކަތުމަންޑޫގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވެސް އަންހެން ޓީމު ލޯ މެޑަލް ހޯދި އެވެ.

މެދުކެނޑުމަކަށް ފަހު ރާއްޖޭގައި ސާބާ ޗެމްޕިއަންޝިޕް ބާއްވަނީ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ(ގެ އިސްނެގުމާ އެކު ޔޫތު މިނިސްޓްރީއާ ގުޅިގެންނެވެ.