ކުޅިވަރު

އެފްއޭއެމް ސެންޓްރަލް ލީގު: ގުޅި އަތުން ގުރައިދޫ މޮޅުވެއްޖެ

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގައި އިއްޔެ ހަވީރު ކ. ގުޅީ ފުޓްބޯޅަ ކްލަބާ ވާދަކޮށް ކ. ގުރައިދޫ ސްޕޯޓްސް ރެކްރިއޭޝަން ކްލަބް 1-3 އިން މޮޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ފެށީ ސެންޓްރަލް ލީގުގައި ހިމެނޭ މާލެ އަތޮޅު ރަށްތަކުގެ ގްރޫޕް ބީގެ މެޗުތަކެވެ. ގްރޫޕް ބީގައި ހިމެނެނީ ގުޅި އާއި ގުރައިދޫގެ އިތުރުން މާފުއްޓެވެ.

މި ގްރޫޕުގެ މެޗުތައް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ހޯމް އެންޑް އަވޭ އުސޫލުން ވާދަކޮށް އެންމެ ކުރި ހޯދާ ދެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާ ގޮތަށެވެ. ގްރޫޕް ބީގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ފަހު މެޗުގައި ވާދަކުރާނީ މާފުއްޓާއި ގުޅި އެވެ.

މެޗުގައި ގުރައިދޫގެ ތިން ލަނޑު ވެސް ޖެހީ އާލިމް އަބްދުލް ގައްޔޫމް އެވެ. އާލިމް ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ 30 ވަނަ މިނެޓުގަ އެވެ. މެޗުގައި އާލިމް ހެޓްރިކް ފުރިހަމަކުރީ 69 ވަނަ މިނެޓުގަ އެވެ. ގުޅީގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ފައިޝާން ފައިސަލް އެވެ.

އެފްއޭއެމުން 2024/2023 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ބާއްވާނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށެވެ.

ރާއްޖެ ބަހާލާފައިވާ ހަތަރު ޒޯނަކީ، ނޯތު ޒޯން، ސެންޓްރަލް ޒޯން، ސައުތު ޒޯން އަދި މާލެ ޒޯނެވެ. ނޯތު ޒޯންގައި ހިމެނެނީ ހއ، ހދ، ށ، ނ އަދި ރ އެވެ. ސެންޓްރަލް ޒޯންގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ޒޯންގައި ހިމެނެނީ ތ، ލ، ގއ، ގދ، ޏ އަދި ސ އެވެ. މާލެ ޒޯނުގައި ހިމެނެނީ ވިލިމާލެ، ހުޅުމާލެ އަދި މާލެ އަށް ނިސްބަތްވާ ޓީމުތަކެވެ.

ނޯތު ލީގުން މިހާރު ވަނީ ފުރަތަމަ ޑިވިޝަނަށް ހޮވޭ ޓީމުތަށް ކަށަވަރުވެފަ އެވެ. އެއީ އުނގޫފާރު ފުޓްބޯޅަ ކްލަބް، އަލިފުށި ރެކްރިއޭޝަން ކްލަބް، ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް، ޔުނިޓީ ސްޕޯޓްސް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމަންޓް، ޓީމް ހޮޅުދޫ އަދި ކެނދިކުޅުދޫ ފުޓްބޯޅަ ކްލަބެވެ.

ކޮންމެ ޒޯނަކުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާ 8 ޓީމުގެ މެދުގައި މެޗުތައް ކުޅޭނީ އަންނަ އަހަރު އެވެ. ޒޯން ޗެމްޕިއަނުން 2024/2023 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ. އާ ފޯމެޓްގައި ދިވެހި ޕްރިމިއާ ލީގު ފަށާއިރު ލީގުގައި އޮންނާނީ 12 ޓީމެވެ.

ސެންޓްރަލް ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު އެވެ. އެ މެޗުގައި ބައްދަލުކުރާނީ ގުރައިދޫ އާއި މާފުއްޓެވެ.