ޓޫރިޒަމް

ތޮޅިމަރާހުރާފަޅު ހިއްކައިގެން މަތީފެންވަރުގެ ރިސޯޓެއް ހަދަނީ

އިއާދަ ކުރަނިވި ހަކަތައަށް ބަރޯސާވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ރިސޯޓް، ކ. ތޮޅިމަރާހުރާ ފަޅުގައި ގާއިމްކުރުމުގެ މަޝްރޫއެއް އެޓޯލް އެސްޓޭޓް ހޯލްޑިން އިން އިފްތިތާހުކޮށްފި އެވެ.

މި ކުންފުންޏަކީ އަބޫދާބީގެ ގްލޯބަލް މާކެޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ.

"ޕްރޮޖެކްޓް ޑެލްފިން"ގެ ނަމުން ތައާރަފް ކުރި މަޝްރޫއު އަކީ އެތައް މިލިއަން ޑޮލަރެއް ހަރަދުކުރަން ނިންމާފައިވާ ބިޔަ މަޝްރޫއެކެވެ.

މިމަޝްރޫއުގެ ދަށުން ފަޅުހިއްކައިގެން 50 ހެކްޓަރުގެ ބިން ތަރައްގީކޮށް، މުރަކަ ހެއްދުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

ތޮޅިމަރާހުރާ ފަޅުގައި ތިން ރަށެއް ގާއިމުކޮށް އެ ތަންތަނުގައި ރިސޯޓް ހެދުމުގެ އިތުރުން ޔޮޓްމެރީނާއެއްވެސް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. މިހުރިހާ ތަނެއް ހިންގުމަށް ބޭނުންކުރަން ނިންމާފައިވަނީ އިއާދަކުރަނިވި ހަކަތަ އެވެ.

މި މަޝްރޫއު ނިންމައި 2025 ވަނަ އަހަރު ހުޅުވައި، ޓުރިސްޓުންނަށް މަތީފެންވަރުގެ ހިދުމަތް ދޭން އެޓޯލް އެސްޓޭޓުން ވަނީ ނިންމާފަ އެވެ.

ތޮޅިމަރާހުރާ ފަޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އަމިއްލަ މަސް ކުންފުނި -- އެންސިސް އަށް ދޫކޮށްފައި ވަނިކޮށް އެ ކުންފުނިން ވިއްކާލި ފަޅެކެވެ.