ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް ލިބޭ އާމްދަނީ އަބަދަށް ދެމިގެންދާ ގޮތެއްގައި ރާއްޖޭގައި ބެހެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
މި ގަރާރު ބަލައިގަތުމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ. ގަރާރު ބަލައިނުގަތުމަށް 36 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
މި ގަރާރުގެ ފުރަތަމަ ކިޔުން އޮތީ، ޖޫން 30 ވަނަ ދުވަހު އޮތް މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާ އެވެ.
ގަރާރު ހުށަހަޅުއްވަމުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ޓޫރިޒަމުން ލިބޭ އާމްދަނީ ރާއްޖޭގެ ސިސްޓަމުގެ ތެރޭގައި ރޯލްވަމުންނުދާކަން ފާހަގަކުރެވޭ ކަމަށާއި ޓޫރިޒަމް ޒަރީއާއިން ރާއްޖެއަށް ލިބޭ އާމްދަނީ ރާއްޖޭގައި ބޭންކިން، ފައިނޭންޝަލް ސިސްޓަމުގެ ތެރޭގައި ރޯލްވަމުންދަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށެވެ.
ޓޫރިޒަމުން ލިބޭ އާމްދަނީ ރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ ބޭންކުތަކަށް ޖަމާކުރުމާއި ޓްރާންސްފާ ކޮންޓްރޯލް ކުރުމަށް އެ ގަރާރުގައި ސަރުކާރަށް ގޮވާލާފައިވެއެވެ.
ރިސޯޓުތައް ދޫކުރުމުގައި ލިބޭ އާމްދަނީ ރާއްޖޭގެ އެތެރޭގައި ދައުރުވާނެ ގޮތަށް ކަންކަން ބަދަލުކުުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށްވެސް އެ ގަރާރުގައި މެންބަރު ވަނީ ސަރުކާރަށް ގޮވާލާފައިވެއެވެ.