ދާންދޫ

ދާންދޫ ރައްޔިތުންގެ އުއްމީދު ހަގީގަތަކަށް ވަނީ

Sep 21, 2022

ދާންދޫގެ ބިން ހިއްކުމަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި ތިބި ކަމެކެވެ. ރަށަކީ ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތް ރަށެކެވެ. ދާންދޫގައި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއާއެކު ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ރައްޔިތުން އުއްމީދުކުރެ އެވެ.

"އަވަސް"އާ ވާހަކަ ދައްކަވަމުން ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ ދާންދޫ ފަޅުން ހިއްކާ 25 ހެކްޓަރުގެ ބިމުން ދާންދޫގެ ރައްޔިތުންނަށް އެތައް މަންފާއެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބި، ރަށުގެ ރައްޔިތުންނަށް "ބީޗެއް"ގެ އުފާވެރިކަން ޒަމާންތަކަކަށްފަހު ލިބިގެންދާނެ ކަމަށެވެ.

"އަންނަ އަހަރުގެ ކުރީކޮޅު ބިމުގެ ބޭނުން ހިފޭނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން" އާސިފް އެވެ.

އޭނާ ވިދާޅުވީ 2000އާ ގާތްކުރާ އާބާދީއެއް އޮންނަ އެރަށުން އެންމެ ފަހުން ހުޅުވާލި 11 ގޯއްޗަށް 54 ފަރާތުން ކުރިމަތިލާފައިވާތީ ރަށުގެ ރައްޔިތުން ބޯހިޔާވަހި ކަމަށް ބޭނުންވެފައިވާ މިންވަރު ހާމަވާ ކަމަށެވެ.

ސަރުކާރުން ހަރަދުކޮށްގެން ހިއްކާ ބިމުގެ ޕްލޭން ބޮޑަށް އަމާޒުކޮށްފައިވަނީ ބޯހިޔާވަހިކަން އިތުރުކުރުމުގެ އިތުރުން ވިޔަފާރިތަށެވެ.

އާސިފް ވިދާޅުވީ ގެސްޓް ހައުސްގެ ވިޔަފާރިއަށް ހާއްސަ އިސްކަމެއް ދޭން ވިސްނާފައިވާ ކަމަށާއި ހިއްކިގެންދާ ބިމަށް ރަށުގެ އިންޖީނުގެ ބަދަލުކުރެވި، ފެންވަރު ރަނގަޅު ބަނދަރެއް ގާއިމުކުރެވިގެންދާ ކަމަށެވެ.

މި ތަރައްގީއާ އެކު ދާންދޫގައި ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވި އަމިއްލަ ވިޔަފާރިތައް ފުޅާވެގެންދާނެ ކަމަށްވެސް ކައުންސިލް އިދާރާ އިން ދެކެ އެވެ.

ދާންދޫގައި މޫދަށް އެރުމަށް ހާއްސަ ސަރަހައްދެއް މިހާރު ނެތުމުގެ ސަބަބުން، ރަށުގެ ރައްޔިތުން މޫދަށް އެރި ހިތްހަމަޖައްސާލުމަށް ދާންޖެހެނީ އަތޮޅުގެ އެހެން ރަށްރަށަށެވެ. ހިއްކިގެންދާ ބިމާއެކު ބީޗެއް ދާންދޫގައި ގާއިމު ކުރުމަށް ޕްލޭންކޮށްފައިވެ އެވެ.

މިކަން ހަގީގަތަކަށްވުމުން ޒަމާންތަކެއް ވަންދެން ދާންދޫގެ ރައްޔިތުންނަށް ނުލިބި އޮތް ރީތި ގޮނޑުދޮށާއި މޫދެއް ލިބި އެތަންތަނުން އުފާ ލިބުމުގެ ފުރުސަތު އަމިއްލަ ރަށުން އަލުން ލިބިގެންދާނެ ކަމަށް އާސިފް ވިދާޅުވި އެވެ.

ދާންދޫ ފަޅުން ބިން ހިއްކުމުގެ މަޝްރޫއުގެ 31 އިންސައްތަ މިހާރުވެސް ވަނީ ނިމިފަ އެވެ. މުޅި މަޝްރޫއު ދެތިން މަސްތެރޭގައި ނިމޭނެ ކަމަށް ދާންދޫ ކައުންސިލުން ބުނެ އެވެ.

އެމްޓީސީސީން ރާއްޖެއަށް ގެނައި ދެވަނަ ބޮޑު ޖައްރާފާ ބޭނުންކޮށްގެން ހިއްކަމުންދާ ދާންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 975،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، ބިން ހިއްކުމާއި، 807 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 555 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ. މި މަޝްރޫއަކީ 186.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.