އެމްޓީސީސީ

ބޮޑު ޖައްރާފާ އިފްތިތާހުކޮށް ދާންދޫ ބިންހިއްކުން ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އައު ޑްރެޖަރު ބޮޑު ޖައްރާފާ ރަސްމީކޮށް އިފްތިތާހުކުރުމާއި ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ދާންދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު ޔައުގޫބް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމޭއިރު، މިހާރު ދާންދޫގައި އޮތްވަރުގެ ޖާގައިގެ ބިމެއް އެ ރަށަށް އިތުރުކުރެވި މިހާރުގެ ދާންދުއާ، އަލަށް ހިއްކާ ބިން ބްރިޖަކުން ގުޅާލެވިގެންދާނެ އެވެ. މަޝްރޫއު ނިމިގެންދާއިރު، ރައްޔިތުން މޫދަށް އެރި، ހިތް އުފާކޮށްލާނެ ސަރަހައްދެއް އޮންނާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

ދާންދޫގެ ބިން ހިއްކުމަށްޓަކައި ބޭނުންކުރަނީ އެމްޓީސީސީގެ ބޮޑު ޖައްރާފާ އެވެ. އެމްޓީސީސީން ބުނި ގޮތުގައި މިއީ އެ ޖައްރާފު ބޭނުންކޮށްގެން ހިންގޭ ތަރައްގީގެ އެންމެ ފުރަތަމަ މަޝްރޫއެވެ. އެމްޓީސީސީގެ ފްލީޓްގައި ބޮޑު ޖައްރާފު ހިމެނުމާއެކު، އެމްޓީސީސީ ވަނީ މި ސަރަހައްދުގެ ޑްރެޖިން ދާއިރާގައި އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުންޏަށް ވެފަ އެވެ.

ބޮޑު ޖައްރާފު ބޭނުންކޮށްގެން ހިންގޭ ދާންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 975،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، ބިން ހިއްކުމާއި، 807 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 555 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ. މި މަޝްރޫއަކީ 186.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފަ އެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގަ އެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.