އަމީނީ މަގު

އަމީނީ މަގު ހެދުމަށް ހުއްދަތަކެއް ނަގަން އަންގައިފި

ތާރުއަޅައިގެން މާލޭގެ އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތުގައި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ނުކޮށް މަސައްކަތް ފެށުމާ ގުޅިގެން އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަންކޮށް ނަގަންޖެހޭ ހުއްދަތައް ނެގުމަށް ސަރުކާރުން ރޯޑް ޑިވެލޮޕްމންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް އަންގައިފި އެވެ.

އާރްޑީސީއަށް އިދާރީ ކަންތައްތަކެއް ފުރިހަމަކުރަން އެންގީ ބިމުގެ ފެންފަށަލައިން ޑީވޯޓަރިން މެދުވެރިކޮށް ހޮޅި އަޅައިގެން މަސައްކަތް ކުރަން ފެށުމުން އެކަމާ ގުޅޭ ހުއްދަ ނުލިބި މަސައްކަތް ފެށުމުންނެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ކުރުމުގައި ފުރިހަމަ ކުރަންޖެހޭ ބައެއް އިދާރީ މަސައްކަތްތައް ފުރިހަމަ ކުރުމަށް އެނާޖީ ރެޖިއުލޭޓަރީ އޮތޯރިޓީން އާރްޑީސީއަށް އަންގާފައިވާނެ ކަމަށެވެ.

އިދާރީ ކަންކަން ފުރިހަމަކުރަންޖެހޭ މަސައްކަތެއް އޮތްނަމަ އާރްޑީސީން އެ މަސައްކަތެއް ކުރާނެ ކަމަށާއި މަގު ހެދުމުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރާނެ ކަމުގައިވެސް އެ ކުންފުނިން ބުނެ އެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

މަސައްކަތް ފެށުމުގެ ގޮތުން މިހާރު ވަނީ އަމީނީ މަގުގެ ބައެއް ބަންދުކޮށްފަ އެވެ. ބަންދުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.