އަމީނީ މަގު

އަމީނީ މަގުގެ ނުނިމި އޮތް ބައިގައި ތާރުއަޅަން ފަށައިފި

އަމީނީ މަގުގައި ނުނިމި އޮތް ބައިގައި ތާރުއަޅަން ފަށައިފި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާގެ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ އެ މަގުގެ ނުނިމި އޮތް ބަައިގައި ތާރު އަޅަން ތައްޔާރު ވެފައިވާ ކަމަށެވެ.

ތާރުއަޅަން ފެށުމަށްޓަކައި އަމީނީމަގުގައި ހުންނަ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ފެށިގެން އަމީނީމަގު-ކަނބާއައިސާރަނިހިނގުން ގުޅޭ ސަރަހައްދާ ހަމައަށް ބިމު އަޑީގައި ކޭބަލް ވަޅުލާއި ހޮޅި އަޅައި ޕަންޕް ސްޓޭޝަންތައް ވަނީ ބަހައްޓާފަ އެވެ.

ތާރުއަޅަން ފެށުމުގެ ކުރިން އެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވަނީ އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތް މިދިޔަ ހަފްތާގެ ތެރޭގައި ކޮށްފަ އެވެ.

އަމީނީމަގުގެ ނުނިމި އޮތް ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ.

އަމީނީމަގު ހަދަން މިދިޔަ ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި 3، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދިނީ ހަތް މަސް ދުވަހެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވިފައެއް ނުވެ އެވެ.

އަމީނީމަގު އެއްކޮށް ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއެޅިގެންދާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް އަލުން މަގު ބައްތިތައް ވެސް އަމީނީ މަގުގައި ދަނި ހަރުކުރަމުންނެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މި މަޝްރޫއުގައި ހިމެނެ އެވެ.