އަމީނީ މަގު

ތާރު އެޅުމަށްފަހު އަމީނީމަގުގެ އިތުރު ބައެއް ހުޅުވާލައިފި

މާލޭގެ އަމީނީމަގުގައި މިހާރު މަސައްކަތް ކުރަމުންދާ އެންމެފަހު ސަރަހައްދުގެ ބައެއް ނިންމާ އާންމުންނަށް ހުޅުވާލައިފި އެވެ.

އަމީނީމަގުގައި މިއަދު ހުޅުވާލީ އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާއައިސާރަނި ހިނގުމާއި އަމީނީމަގު ގުޅޭ ޖަންގްޝަން އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނި ގޮތުގައި އަމީނީމަގު މުޅިން ހުޅުވާލެވޭނީ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ގަ އެވެ.

އަމީނީމަގުގެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ދަނީ އެ މަގުގެ ދުވާރުގެ މަސައްކަތާއި ސްޓޯމްވޯޓާ އައުޓްފޯލް ހޮޅި އެޅުމުގެ މަސައްކަތާއި މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރަމުންނެވެ.

އެމަގުގެ ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ.

އަމީނީމަގު ހަދަން މިދިޔަ ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި ތިނެއް، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދިނީ ހަތް މަސް ދުވަހެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވިފައެއް ނުވެ އެވެ.

އަމީނީމަގު އެއްކޮށް ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއެޅިގެންދާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް އަލުން މަގު ބައްތިތައް ވެސް އަމީނީ މަގުގައި ދަނި ހަރުކުރަމުންނެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މި މަޝްރޫއުގައި ހިމެނެ އެވެ.