މާލޭގެ އެންމެ ބާރުބޮޑު އެއް މަގު ކަމަށްވާ އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި އަޅަން ބޭނުންވާ ތާރު މާލެ ގެނެސްފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލީ މަނިކް (މޫކޭ) ވިދާޅުވީ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެތި މާލެ ގެނެސްފައިވާ ކަމަށެވެ.
ތާރު އެޅުމަށް ބޭނުންވާ ތަކެތި ގެންނަނީ ސެގްމެންޓްތަކަށް ބަހާލައިގެން ނޫން ކަމަށާއި ޖުމްލަކޮށް މުޅި މަޝްރޫއަށް ބޭނުންވާ ވަރަށް ކަމަށްވެސް ވިދާޅުވި އެވެ.
"ތާރު އެޅުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށްދޭ. މިހާރު ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ ތަކެތި އެވަނީ ގެނެވިފަ،" މޫކޭ ވިދާޅުވި އެވެ.
އަމީނީ މަގުގައި ތާރު އަޅާނީ މަގުގެ އިރުމަތިކޮޅުން ފެށިގެން ގޮސް ބިލަބޮންގް ހައި ސްކޫލާ ހަމައަށް ބަންދުކުރުމަށްފަހު ތާރު އެޅުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިމުމުން ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ. މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހޮޅި ވަޅުލުމާ ކާނު ހެދުން ފަދަ މަސައްކަތްތައް ނިމުމާއިއެކު ތާރު ނާޅައި މަގުގެ ބައެއް ވަނީ އާއްމުންނަށް ހުޅުވާލާފަ އެވެ.
މޫކޭ ވިދާޅުވީ ބިލަބޮންގް ސުކޫލާއި ހިސާބަށް ތާރު އެޅުމައްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތައް އަންނަ ފެބްރުއަރީ-މާޗް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަންނަ މާޗް މަހުގެ ތެރޭގައި އަމީނީ މަގުގައި ތާރު އަޅަން ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ތާރު އެޅުމުގެ މަސައްކަތް މާޗް ހިސާބު ފެށޭނެ ކަމަށް ލަފާކުރެވެނީ،" މޫކޭ ވިދާޅުވި އެވެ.
ތާރު އަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރީ ނިމިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.
އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ.