އަމީނީ މަގު

އަމީނީ މަގުގައި ހުރި މައްސަލަތައް ދެނެގަނެ ހައްލު ހޯދަނީ

އަމީނީ މަގު އެއްކޮށް ހަދައި ނިންމުމަށްފަހު އެ މަގުގައި ހުރި ހުރިހާ މައްސަލައެއް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ އަމީނީ މަގަކީ ޒަމާނީ ފެންވަރަކަށް މާލޭގައި އެންމެ ފަހުން ތަރައްގީކުރި މަގަށްވެފައި އެ މަގުގައި ހަލާކުވެފައި ހުރި ތަންކޮޅެއް ވީޑިއޯކޮށް އާންމުންގެ މީހަކު ސޯޝަލް މީޑީއާގައި މިނިސްޓަރު މުއްތަލިބް ޓެގް ކުރެއްވުމަށްފަހު ސަރުކާރަށް ފާޑުކިޔުމުންނެވެ.

އާންމުންގެ މީހާ ހިއްސާ ކުރި ވީޑިއޯގައި ހަލާކުވެފައިވާ ކަމަށް ފެންނަ ތަންކޮޅަކީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކޮށްފައިވާ މަސައްކަތެކެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި އަމީނީ މަގުގައި ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ އެ މަގުގައި ނުނިމި ހުރި މަސައްކަތް -- އެންމެ ފަހު ދެ ސެގްމަންޓް ކަމަށްވާ ސެގްމަންޓް 12 އަދި 13ގެ މަސައްކަތްކޮށް ނިންމުމެވެ. މި ދެ ސެގްމަންޓްގެ މަސައްކަތަށްފަހު އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާ އަތްދޫކޮށްލީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

އާންމުންގެ މީހާގެ ޕޯސްޓަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ކުރުމުގެ ތެރެއިން އިއްޒުންދީން މަގާ ހަމައަށް ކޮށްފައިވާ މަސައްކަތްތަކަކީ ރައީސް ސޯލިހް ވެރިކަމުގައި ކޮށް ނިންމާފައިވާ މަސައްކަތްތަކެއް ކަމަށެވެ.

ސަރުކާރުގެ މަގު ހަދާ ކުންފުނި -- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިހާރު ކުރަމުންދާ މަސައްކަތަކީ އަމީނީ މަގުގައި "އެއްކޮޅުން އަނެއްކޮޅަށް" ހުރި މައްސަލަތައް ބަލައި ދެނެގަތުމަށްފަހު އެ މައްސަލަތައް ރަނގަޅުކުރުމުގެ މަސައްކަތް ކަމަށެވެ.

މާލޭގެ އަމީނީ މަގު ހަދަން ނިމިދިޔަ ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި 3، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ. ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ އޮގަސްޓް 30، 2022 ގައެެވެ. މަސައްކަތް ނިންމަން ދިނީ ހަތް މަސް ދުވަސް ކަމަށްވީ ނަމަވެސް މަސައްކަތް ނިންމަން ދިން އެއްވެސް ތާރީހަކަށް އެ މަސައްކަތް އޭރު ނިންމާލެވިފައެއް ނުވެ އެވެ.

އަމީނީ މަގު ހަދާ ނިމުނުއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާފައިވެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް އަލުން މަގު ބައްތިތައް ވެސް ވަނީ ހަރުކޮށްފަ އެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ.