އަމީނީ މަގު

އަމީނީ މަގުގައި ތާރުއަޅައި ނިންމާލައިފި

އަމީނީ މަގުގައި ނުނިމި އޮތް ބައިގައި ތާރުއަޅައި، މުޅި އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތްކޮށް ނިންމާލައިފި އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މީޑިއާ އޮފިޝަލަކު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

"މި މަސައްކަތުގެ އިތުރުން ކުރަންޖެހޭ އެހެން މަސައްކަތްތައްވެސް 24 ގަޑިއިރުގެ ތެރޭގައި ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.

އަމީނީ މަގުގައި ނުނިމި އޮތް ބައިގައި ތާރު އަޅަން ފެށީ ރޭގައެވެ. އަމީނީ މަގުގައި ނުނިމި އޮތް ބައިި -- 12 އަދި 13 ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ.

އަމީނީމަގު ހަދަން މިދިޔަ ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި 3، 2022 ގައި 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދިން ހަތް މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމާލެވިފައެއް ނުވެ އެވެ.

އަމީނީމަގު އެއްކޮށް ހަދައި 1.7 ކިލޯމީޓަރުގައި ވަނީ ތާރުއަޅާފަ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް އަލުން މަގު ބައްތިތައް ވެސް އަމީނީ މަގުގައި ދަނީ ހަރުކުރަމުންނެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް ހިމެނެ އެވެ.