ފައިސަލް ނަސީމް

ހުނަރު ކުރިއަރުވަން ސަރުކާރުން އިސްކަންދޭނެ: ނައިބް ރައީސް

Sep 19, 2022

ވޮކޭޝަނަލް ޓްރެއިނިން އަދި ހުނަރު ކުރިއެރުވުމަކީ މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ހެނދުނު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ބޭފުޅުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ވަނީ އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތައް ނައިބް ރައީސްއާ ހިއްސާކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސް ބޭފުޅުން ވަނީ އެ އިންސްޓިޓިއުޓްގެ ވޮކޭޝަނަލް ޕްރޮގްރާމުގައި މިހާރު 450 ދަރިވަރުން ކިޔަވަމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި 150 ދަރިވަރުން މިހާރު ދަސްވެނިވުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރެއްވެވި އެވެ.

ސުކޫލްތަކުގެ ހާއްސަ އެހީއަށް ބޭނުންނާ ކުދިންނަށްވެސް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ފަރާތުން ވޮކޭޝަނަލް ޕްރޮގްރާމް ހިންގަމުންދާކަމުގައި އެބޭފުޅުން ވިދާޅުވި އެވެ. މީގެ އިތުރުން އެބޭފުޅުން ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ޓެކްނޮލޮޖީގެ ގޮތުން ތަމްރީން ލިބިފައިވާ މީހުން ބޭނުންވާ ކަންވެސް ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ މިކަމުގައި އެކަޑެމިކްކޮށް ދަރިވަރުން އުނގެނުން މުހިންމުވާ ފަދައިން ހުނަރާއި ތަމްރީނު ދަސްކޮށްދިނުމަށް ބާރުއެޅުއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ހިދުމަތްތައް ފުޅާކުރެއްވޭނެ ގޮތްތައްވެސް އޮޅުންފިލުއްވި އެވެ.