ސްޓެލްކޯ

އަރިއަތޮޅުގެ 14 ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުން ސްޓެލްކޯއަށް

Sep 19, 2022

ސްޓެލްކޯ އިން ހިދުމަތްދޭ އއ. އަދި އދ. އަތޮޅުގެ 14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯ އިން ހަވާލުވެއްޖެ އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ. ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނެވެ.

މިރަސްމިއްޔާތުގައި ކައުންސިލްތަކުން ބުނީ ސްޓެލްކޯ އިން މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ކައުންސިލްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

ސްޓެލްކޯ އިން މިދިޔަ މަހުގެ 28ގައި ވަނީ އއ. ތޮއްޑޫ، ރަސްދޫ އަދި އުކުޅަހުގެ މަގުބައްތިތައް ބެލެހެއްޓުމާއި މަރާމާތުކުރުމާ ހަވާލުވެފަ އެވެ.

ސްޓެލްކޯ އިން ހަވާލުކުރި ރަށްތައް

  • އއ. ބޮޑުފޮޅުދޫ
  • އދ. އޮމަދޫ
  • އއ. މަތިވެރި
  • އއ. މާޅޮސް
  • އއ. ފެރިދޫ
  • އއ. ހިމަންދޫ
  • އދ. ކުނބުރުދޫ
  • އދ. ފެންފުށި
  • އދ. ދަނގެތި
  • އދ. ހަންޏާމީދޫ
  • އދ. މަހިބަދޫ
  • އދ. ދިއްދޫ
  • އދ. މަންދޫ
  • އދ. ދިގުރަށް

މިރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވި ރަށްތަކުގައި އެ މަސައްކަތް އެ ކުންފުނިން ފުރިހަމައަށް ކޮށްދޭނެ ކަމަށެވެ. އަދި އެމަސައްކަތް ކުރުމަށް ބޭނުންވާ ފަންނީ މުވައްޒަފުންނާއި ވަސީލަތްތައް ސްޓެލްކޯގައި ހުރި ކަމަށްވެސް ވިދާޅުވި އެވެ.

"މަގުބައްތިތައް ދެން ދިއްލިފައި ހުންނާނީ. ދަބަރު ޖަހާފައި ނުދިއްލި ހޮޅިދަނޑިއެއް ނުހުންނާނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯ އިން ހިދުމަތްދޭ އެހެން ރަށްތަކުގައިވެސް މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ އެ ކުންފުނިން ހަވާލުވާނެ ކަމަށެވެ. އަދި ކ. މާފުށީގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ސްޓެލްކޯ އިން ހިދުމަތްދޭ އެހެން ރަށްތަކުގައިވެސް ފަށާނެ ކަމުގެ އިޝާރާތެއް ވެސް ޝަރީފް ވަނީ ދެއްވާފަ އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ސްޓެލްކޯ އިން ހިދުމަތް ދޭ ތަންތަނުގައި އެއް ވަގުތެއްގައި މަދުވެގެން ދެ މުވައްޒަފުން ނުތިބޭ ތަންތަނުގައި ދެ މުވައްޒަފުން ތިބޭގޮތަށް އަތޮޅުތަކުގެ އިންޖީނުގެތަކުގެ އޮނިގަނޑު އެ ކުންފުނިން ބަދަލުކޮށްފައިވާ ކަމަށެވެ.