ޓޫރިޒަމް

ރަށާއި ފަޅު ކުއްޔަށް ދޭ އަގު ކުޑަކޮށްފި

ކްރޮސް ސަބްސިޑީ އުސޫލުން ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ލިޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމުގެ މިންގަނޑަށް ބަދަލު ގެނެސްފި އަގުތައް ހެޔޮކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބަދަލު ގެނެސްފައިވަނީ މިއަހަރުގެ ޖޫން މަހު އިއުލާނުކުރި އަގުތަކަށެވެ.

އެ މިނިސްޓްރީން އިއްޔެ ގެނައި ބަދަލާއެކު ބައެއް އަތޮޅުތަކުގެ ރަށްރަށުން ބޭސްރޭޓް އަދި ހެކްޓަރު ރޭޓް ވަނީ ދެބައިކުޅަ އެއްބައި ކުޑަކޮށްފަ އެވެ. މީގެ އިތުރުން ސައިޒް ޕްރިމިއަމް އަގުވެސް ވަނީ ހެޔޮކޮށްފަ އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމުގެ މިންގަނޑަކީ އެ ސަރަހައްދަކުން ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރާއިރު ލީޒް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ މިންވަރު ހިސާބުކުރުމުގެ މިންގަނޑު ކަމަށެވެ.

އެ ސަރަހައްދެއްގައި ހިމެނޭ އެކިއެކި ރަށްރަށް ނުވަތަ ބިން ނުވަތަ ފަޅުތަކަށް ނަގާ ލީޒް އެކުއިޒިޝަން ކޮސްޓްގެ މިންވަރު ނިންމާނީ އެ މިންގަނޑުން ހިސާބުކުރުމުން ޖެހޭ މިންވަރަށްވުރެ މަދު ނުވާ ގޮތަށް އެ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު ކުރެވޭ ނެގޯސިއޭޝަންތަކުގެ ތެރެއިން ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އަލަށް ގެނެވުނު ބަދަލާއެކު ހއ.، ހދ.، ޏ. އަދި ސ. އަތޮޅުގެ ބޭސް ރޭޓަކީ 500،000 ޑޮލަރެވެ. ހެކްޓަރަކަށް ޖެހޭ ރޭޓަކީ 50،000 ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ސައިޒް ޕްރިމިއަމްގެ ގޮތުގައި 500،000 ޑޮލަރު ނަގާއިރު 40 ހެކްޓަރަށް ވުރެ ބޮޑެތި ރަށްރަށުން ދެ މިލިއަން ޑޮލަރު ނަގާނެ އެވެ.

ށ.، ތ.، އަދި ލ. އަތޮޅުގެ ރަށްރަށުގެ މިހާރުގެ ބޭސް އަގަކީ އެއް މިލިއަން ޑޮލަރެވެ. ހެކްޓަރަކަށް ޖެހޭ އަގަކީ އެއް ލައްކަ ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ސައިޒް ޕްރިމިއަމްގެ ގޮތުގައި ފަސް ލައްކަ ޑޮލަރު ނަގާއިރު 40 ހެކްޓަރަށްވުރެ ބޮޑުނަމަ އެ އަގަކީ ދެ މިލިއަން ޑޮލަރެވެ.

ނ.، ރ.، ބ.، އަދި ޅ. އަތޮޅުގެ ރަށްރަށުގެ ބޭސް ރޭޓަކީ ދެ މިލިއަން ޑޮލަރެވެ. ހެކްޓަރު ރޭޓަކީ ތިން ލައްކަ ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ސައިޒް ޕްރިމިއަމްގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގާއިރު 40 ހެކްޓަރަށް ވުރެ ބޮޑުނަމަ އެ އަގަކީ ތިން މިލިއަން ޑޮލަރެވެ.

އެންމެ އަގު ބޮޑީ ކ. އަތޮޅުގެ ރަށްރަށެވެ. ކ. އަތޮޅުގެ ރަށްރަށުގެ ބޭސް ރޭޓަކީ ތިން މިލިއަން ޑޮލަރެވެ. ހެކްޓަރަކަށް ޖެހޭ ރޭޓަކީ ހަ ލައްކަ ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ސައިޒް ޕްރިމިއަމްއަކީ އެއް މިލިއަން ޑޮލަރެވެ. 40 ހެކްޓަރަށް ވުރެ ބޮޑުނަމަ ތިން މިލިއަން ޑޮަލަރެވެ.

އއ، އދ، އަދި ވ. އަތޮޅުގެ ރަށްރަށުގެ ބޭސް ރޭޓަކީ ދެ މިލިއަން ޑޮލަރެވެ. ހެކްޓަރު ރޭޓަކީ 450،000 ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުގެ ސައިޒް ޕްރިމިއަމްއަކީ އެއް މިލިއަން ޑޮލަރެވެ. 40 ހެކްޓަރަށްވުރެ ބޮޑު ނަމަ ތިން މިލިއަން ޑޮލަރެވެ.

މ.، ފ.، އަދި ދ. އަތޮޅުގެ ރަށްރަށުގެ ބޭސްރޭޓް 1.5 މިލިއަން ޑޮލަރަށް ކުޑަކޮށްފައިވާއިރު ހެކްޓަރު ރޭޓަކީ ދެ ލައްކަ ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރުގެ ރަށްރަށުގެ ސައިޒް ޕްރިމިއަމް އަކީ އެއް މިލިއަން ޑޮލަރެވެ. 40 ހެކްޓަރަށްވުރެ ބޮޑު ނަމަ ތިން މިލިއަން ޑޮލަރެވެ. ތ. އަދި ލ. އަތޮޅުގެ ބޭސްރޭޓަކީ އެއް މިލިއަން ޑޮލަރެވެ. ހެކްޓަރު ރޭޓަކީ އެއް ލައްކަ ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރުގެ ރަށްރަށުން ސައިޒް ޕްރިމިއަމް އަކީ ފަސް ލައްކަ ޑޮލަރެވެ. 40 ހެކްޓަރަށްވުރެ ބޮޑުނަމަ ދެ މިލިއަން ޑޮލަރެވެ.

ގއ. އަދި ގދ.ގެ ރަށްރަށުގެ ބޭސްރޭޓަކީ 750،000 ޑޮލަރެވެ. ހެކްޓަރު ރޭޓަކީ 75،000 ޑޮލަރެވެ. ސައިޒް ޕްރިމިއަމްގެ ގޮތުގައި 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ފަސް ލައްކަ ޑޮލަރު އަދި 40 ހެކްޓަރަށްވުރެ ބޮޑު ނަމަ ދެ މިލިއަން ޑޮލަރެވެ.