ވިޔަފާރި

ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑުގެ އިސް މަގާމުތަކަށް ދިވެހިން

ކ. ރަށްފަޅު ހުރާގައި ހުޅުވާ ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑުގެ އިސް ބައެއް މަގާމުތަކަށް ދިވެހިން ހަމަޖައްސައިފި އެވެ.

ސިންގަޕޫރުގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ބޮޑު މަޝްރޫއުގައި ރަށްފަޅު ހުރާގައި ތަރައްގީ ކުރާ ލަގްޒަރީ ރިސޯޓް ޕަޓީނާ ފަރި އައިލެންޑުގެ ރިޒަވޭޝަން އެންޑް ޑިސްޓްރިބިއުޝަން މެނޭޖަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ އަހުމަދު ރުޝާން ޒަމީރެވެ.

ޓޫރިޒަމް ދާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ރުޝާންއަކީ އެ ދާއިރާގައި މަސައްކަތް ކުރައްވާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ. މަޝްހޫރު ގިނަ ރިސޯޓުތަކުގައި އޭނާ ކުރިން ވެސް މަސައްކަތް ކުރެއްވި އެވެ. އޭގެ ތެރޭގައި އަމިއްލަފުއްޓާއި ކޮކޯ މޯލްޑިވްސް އަދި ޖުމެއިރާ ފަދަ ރިސޯޓުތައް ހިމެނެ އެވެ.

ފަރި މޯލްޑިވްސްގެ އިސް މަގާމަށް ދެން ހަމަޖައްސާފައި ވަނީ ޒައިނަބު ހުސެއިނެވެ. އޭނާ ހަމަޖައްސާފައި ވަނީ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރުގެ މަގާމަށެވެ. ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާތާ ފަސް އަހަރު ވެފައިވާ ޒައިނަބު ވަނީ މީގެ ކުރިން ތައިލެންޑުގެ ޕުކެޓުގެ ހިލްޓަން ރިސޯޓުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

ރިސޯޓުގެ ފްރޮންޓް އޮފީސް މެނޭޖަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ މާއިން ޝާހިދެވެ. ވޮލްޑޯފް އެސްޓޯރިއާ އާއި ރަންގަލި ރިސޯޓު އަދި ބެންކޮކް ހިލްޓަން ރިސޯޓުގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ މާއިން މަތީ ތައުލީމް ހާސިލް ކުރެއްވީ ޓޫރިޒަމް ދާއިރާއިންނެވެ.

ފަރި އައިލެންޑް: ބިލިއަން ޑޮލަރުގެ މަޝްރޫއެއް

މާލެއިން ފުރައިގެން 45 މިނެޓުގެ ރާސްތާގައި އޮންނަ ރަށްފަޅު ހިއްކައިގެން "ފަރި އައިލެންޑް" ތަރައްގީ ކުރުމުގެ މަޝްރޫއު ފަށާފައި ވަނީ 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރި ކަމުގަ އެވެ. އެ ފަޅު ޑިވެލޮޕް ކުރީ 1959 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ރިއަލް އެސްޓޭޓް އަދި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ މަޝްހޫރު ޕޮންޓިއާކް ލޭންޑް ކުންފުނިންނެވެ. ސިންގަޕޫރުގެ އެންމެ މަޝްހޫރު އެއް އާއިލާ ކަމަށްވާ "ކޭވީ" އާއިލާ އިން ރާއްޖޭގައި ހިންގާ މި މަޝްރޫއުގެ އަގު 500 މިލިއަން ޑޮލަރަށް ވުރެ ބޮޑެވެ.

އެ ރަށުގައި އެންމެ މަތީ ފަންތީގެ ތިން ހޮޓަލެއް ނުވަތަ ރިސޯޓެއް ހުރެ އެވެ. އެ ރަށުގައި ހުޅުވަން ތައްޔާރު ވަމުންދާ މަޝްހޫރު ތިން ރިސޯޓު ބްރޭންޑަކީ ރިޒްކާލްޓަން އާއި "ޕަޓީނާ" އަދި "ކަޕެއްލާ" އެވެ. މީގެ އިތުރުން މި ރަށުގައި ހޮސްޕިޓާލިޓީ އެކެޑަމީއެއް ހަދަން ވެސް ނިންމާފައިވެ އެވެ. އަދި އެއް ފަހަރާ ސުޕަޔޮޓްގެ 20 ޔޮޓަށް ހިދުމަތްދެވޭ ވަރުގެ މެރީނާއެއް ވެސް ހަދާނެ އެވެ.

އެ ކުންފުނިން ކުރިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން 1،000 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ އެވެ.

ރާއްޖޭގެ ފަޅުތައް ހިއްކައިގެން ރިސޯޓު ހެދުމުގެ ބިޔަ މަޝްރޫއުތަކެއް ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރިސޯޓު ހަދަން 23 ފަޅެއް ވަނީ ދޫކޮށްފަ އެވެ.

މީގެ ތެރެއިން ފަސް ފަޅެއް ވަނީ އެއްކޮށް ހިއްކާފަ އެވެ. ދޫކޮށްފައިވާ ފަޅުތަކުގެ ތެރެއިން މިހާތަނަށް ރިސޯޓު ހަދައި ހުޅުވާފައި ވަނީ މާލެ ކައިރީ އެނބޫދޫ ފަޅުގައި ހުޅުވި ކްރޮސްރޯޑް މޯލްޑިވްސް އާއި ވޮލްޑޯފް އެސްޓޯރިއާ ބްރޭންޑުގެ ރިސޯޓު ހިންގާ އިތާފުށި މޯލްޑިވްސް އެވެ.