ސުޕްރީމް ކޯޓް

ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓް ބޭނުންކުރެވޭނެ: ހުކުމް

Sep 20, 2022

މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ ބޭންކް ސްޓޭޓްމަންޓް އޭނާއާ ދެކޮޅު ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ޕެސްޓުގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅުންހުރި ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ބޭނުން ކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން އުފުލާފައިވާ ދައުވާތަކުގައި އޭނާއާ ދެކޮޅަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުގައި ޕެސްޓްގެ ފަރާތުން ކުރިން ބުނެފައިވެ އެވެ. އެ މައްސަލައިގައި އެ ކޯޓުން ނިންމީ ބޭންކް ސްޓޭޓްމަންޓް ބަލައިނުގަތުމަށެވެ.

ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ބޭންކް ސްޓޭޓްމަންޓް ހޯދުމުގައި އަމަލުކުރީ ރަނގަޅަށް ކަމަށް ނިންމާ ހެކީގެ ގޮތުގައި ބޭންކް ސްޓޭޓްމަންޓް ބަލައިގަތުމަށް އަންގާފަ އެވެ.

ޕެސްޓްގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ނިންމީ ބޭންކް ސްޓޭޓްމަންޓް ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށެވެ. ނަމަވެސް ހެކި ހޯދި ގޮތާ މެދު ދަށު ކޯޓުގެ ޝަރީއަތުގެ މަރުހަލާތަކުގައި ގޮތް ނިންމިދާނެ ކަމަށް ހުކުމްގައިވެ އެވެ. ބޭންކް ސްޓޭޓްމަންޓްގެ މައްސަލައިގައި ހައިކޯޓުގެ ނިންމުމަށް ތާއީދުކުރީ ސުޕްރީމް ކޯޓުގައި މައްސަލަ ބެލި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އެވެ.