ރާއްޖެ ކުޅިވަރު

ސާބާ މުބާރާތުގައި ވާދަކުރާ ޓީމަށް ހިތްވަރުދެއްވައިފި

Sep 20, 2022

ނައިބް ރައީސް ފައިސަލް ނަސީމް، "ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕް"ގައި ވާދަކުރާ އަންހެން ގައުމީ ބާސްކެޓްބޯޅަ ޓީމާ ބައްދަލުކުރައްވައި ޓީމަށް ހިތްވަރު ދެއްވައިފި އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގެންދިޔައީ މިއަދު ހަވީރު މޯލްޑިވްސް ސެންޓާ ފޯ ސޯޝަލް އެޑިޔުކޭޝަންގެ އިންޑޯ ހޯލުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް އަދި ވަރަށް ބޮޑެތި ހަރަދުތައް ކުރަމުންދާ ކަމަށެވެ.

ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށްގެން ތަމްރީނުގެ އިތުރު ފުރުސަތުތައް ކުޅުންތެރިންނަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ނައިބް ރައީސް ދެއްވެވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ އަންހެން ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މި މުބާރާތުގައި ކާމިޔާބީއަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެންމެހާ ކުޅުންތެރިންގެ ކިބައިން ނައިބް ރައީސް އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުގެ ޖާޒީ، ނައިބް ރައީސް ވަނީ ޓީމުގެ ކުޅުންތެރިންނާ ހަވާލުކޮށްދެއްވާފަ އެވެ