ކުޅިވަރު

އިންސްޓަގްރާމްގައި އެންމެ ނުފޫޒުގަދަ ފުޓްބޯޅަ ތަރިއަކީ ރޮނާލްޑޯ

ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގެ ކުރިން، އިންސްޓަގްރާމްގައި އެންމެ ނުފޫޒުގަދަ ކުޅުންތެރިޔާ ބެލުމަށް ހެދި ދިރާސާއެއްގެ އެއްވަނަ ޕޯޗުގަލާއި މެންޗެސްޓާ ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެ އެވެ.

މި ދިރާސާ ހެދީ ފުޓްބޯޅައިގެ ތަފާސްހިސާބުތައް ތައްޔާރުކުރާ ނިއެލްސެން ސްޕޯޓްސް އިންނެވެ.

ދިރާސާ ހެދުމަށް ނިއެލްސެން އިން ބޭނުންކޮށްފައިވަނީ މެޝަމެންޓް ޓޫލެކެވެ. މި ޓޫލްގައި ކުޅުންތެރިންގެ ޖުމްލަ ފޮލޯވަރުންނާއި، ފޮލޯވަރުންގެ ގްރޯތާއި، އެންގޭޖްމަންޓް ރޭޓާއި، އެވްރެޖް ބްރޭންޑް ވެލިއު އަށް ބަލާފައިވެ އެވެ.

މި ދިރާސާގައި ބޭނުންކޮށްފައި ވަނީ ހަމައެކަނި މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށް ލަފާކުރެވޭ ކުޅުންތެރިންނެވެ.

ރޮނާލްޑޯ އިންސްޓަގްރާމްގައި އެންމެ ނުފޫޒުގަދަ ކުޅުންތެރިއަކަށްވީ ވޭތުވެދިޔަ އަހަރު ފޮލޯވަރުންގެ އަދަދު 47 އިންސައްތަ މަތިވެ އާމްދަނީގެ ގޮތުން ވެސް އެންމެ ކުރީގައި އުޅުމުންނެވެ.

ރޮނާލްޑޯ އިންސްޓަގްރާމަށް ދޫކޮށްލާ ކޮންމެ ޕޯސްޓެއްގެ އެވްރެޖް އަގު އުޅެނީ 3.5 މިލިއަން ޑޮލަރުގަ އެވެ.

ދަނޑުމަތީގައި ރޮނާލްޑޯއާ އެންމެ ވާދަވެރި ލިއޮނަލް މެސީގެ ފޮލޯވަރުންގެ އަދަދު މިދިޔަ އަހަރުތެރޭ އިތުރުވީ 38 އިންސައްތަ އެވެ. އަދި ޕޯސްޓްތަކުގެ އެވްރެޖް އާމްދަނީގައި މެސީ އަށް ލިބެނީ 2.6 މިލިއަން ޑޮލަރެވެ.

އިންސްޓަގްރާމްގައި ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު 480 މިލިއަނުގައި އުޅޭއިރު މެސީގެ ފޮލޯވަރުންގެ އަދަދަކީ 360 މިލިއަނެވެ.

ރޮނާލްޑޯގެ ފަހަތުން މެސީ ދެވަނައިގައި އުޅޭއިރު ތިންވަނައިގައި އޮތީ ނޭމާ އެވެ. ހަތަރުވަނަ ލިބުނީ މި ދެކުޅުންތެރިންނާ އެކު ޕީއެސްޖީ އަށް ކުޅޭ ކިލިއަން އެމްބާޕޭ އަށެވެ.

މި ލިސްޓުގެ ގަދަ 10 ގައި އުޅޭ މަޝްހޫރު އެހެން ކުޅުންތެރިންގެ ތެރޭގައި ކަރީމް ބެންޒެމާ އާއި ޕައުލް ޕޮގްބާ އާއި އެންގޯލޯ ކާންޓޭ އަދި ސާޖިއޯ ރާމޯސް ހިމެނެ އެވެ.

ކުޅުންތެރިން ހޯދި ކުރިއެރުމަށް ބަލާއިރު ގަދަ 10 ގައި އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދީ ރެއާލް މެޑްރިޑާއި ބްރެޒިލްގެ ޒުވާން ތަރި ވިނީޝަސް އެވެ. އޭނާގެ ފޮލޯވަރުންގެ އަދަދު މިދިޔަ އަހަރެއް ތެރޭ 90 އިންސައްތަ އަށް މައްޗަށް އެރި އެވެ. ވިނީޝަސްގެ އިތުރުން ސްޕެއިން އާއި ބާސެލޯނާގެ ޒުވާން ތަރި ގަވީ ވެސް ބޮޑު ކުރިއެރުމެއް ހޯދި އެވެ. އިނގިރޭސި ކުޅުންތެރިންގެ ތެރެއިން އެންމެ ކުރީގައި އުޅެނީ މެންޗެސްޓާ ޔުނައިޓެޑްގެ ޖޭޑަން ސަންޗޯ އެވެ.

ގައުމުތަކަށް ބަލާއިރު އިންސްޓަގްރާމްގައި އެންމެ ނުފޫޒު ގަދައީ ދުނިޔޭގެ ޗެމްޕިއަން ފްރާންސެވެ. އެގައުމުގެ ރަސްމީ ފޮލޯވަރުންގެ އަދަދު 11.7 މިލިއަނުގައި އުޅޭއިރު ދެވަނައިގައި އޮތް ބްރެޒިލްގެ ފޮލޯވަރުންގެ އަދަދަކީ 11.5 އެވެ. ބްރެޒިލް އާއި ޕޯޗުގަލްގެ ފަހަތުން އިންގްލެންޑް ހަތަރުވަނައިގައި އޮތީ 8.5 މިލިއަން ފޮލޯވަރުންނާ އެކު އެވެ.