ކުޅިވަރު

ރޮނާލްޑޯގެ އަސަރުގަދަ މެސެޖް: އެންމެ ބޭނުންވީ ވޯލްޑް ކަޕް ތަށި

ފީފާ ވޯލްޑް ކަޕް ޕޯޗުގަލްއާ އެކު ކާމިޔާބު ކުރުމަކީ ކެރިއަރުގެ އެންމެ ބޮޑު ހުވަފެން ކަމަށާއި، އެ އަމާޒަށް ދިއުމަށް ބުރަކޮށް މަސައްކަތް ކުރިކަމަށް ބުނެ ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ އިހުސާސްތައް ބަންޑުންކޮށްލައިފި އެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން 1-0 އިން ބަލިވެ ޕޯޗުގަލް އިއްޔެ ވަނީ ކަޓައިފަ އެވެ. މޮރޮކޯ އަތުން ކެޓުމުން ރޮނާލްޑޯ ވަނީ ވަގުތުން ދަނޑުން ފައިބައިފަ އެވެ. ރޮނާލްޑޯ ދަނޑުން ފޭބީ ރޮމުންނެވެ. ދަނޑުގެ އެތެރެއަށް ރޮނާލްޑޯ ވަދެގެން ދިޔަ މަންޒަރުގެ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ރޮނާލްޑޯ ވަނީ ޕޯޗުގަލްއާ އެކު ފަސް ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އެންމެ ދުރަށް ދެވުނީ 2006 ވަނަ އަހަރު ސެމީ ފައިނަލާ ހަމައަށެވެ. ޕޯޗުގަލްއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރަން ރޮނާލްޑޯ އަށް ލިބުނު ފަހު ފުރުސަތަކީ މިފަހަރުގެ މުބާރާތެވެ. މިހާރު އުމުރުން 37 އަހަރުގެ ރޮނާލްޑޯ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ޓީމުން ނުފެންނާނެ އެވެ.

"ޕޯޗުގަލްއާ އެކު ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ ކެރިއަރުގައި އެންމެ ބޭނުންވި ކަންތައް. އަހަރެންނަށް ބައިނަލްއަގްވާމީ ތަށިތައް ލިބުނު. އެކަމަކު ޕޯޗުގަލްގެ ނަން ވޯލްޑް ކަޕްގެ ތަށީގައި ލިޔެލުމަކީ އަހަރެންގެ އެންމެ ބޮޑު ހުވަފެން" ސޯޝަލް މީޑިއާގައި މިއަދު ރޮނާލްޑޯ އާއްމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯ ކުޅުނު ފަސް މެޗުގައި ޖެހުނީ އެއް ގޯލެވެ. އެއީ ފުރަތަމަ މެޗުގައި ގާނާއާ ދެކޮޅަށް ވައްދާލި ޕެނަލްޓީ އެވެ. މި ގޯލާ އެކު ރޮނާލްޑޯ ވެފައިވަނީ ފަސް ވޯލްޑް ކަޕްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.

"އެ އުއްމީދަށް އަހަރެން ވަރަށް ބުރަކޮށް މަސައްކަތްކުރިން. ފަސް މުބާރާތުގައި ހޭދަވި 16 އަހަރު އަހަރެން ގޯލު ޖެހިން. އަހަރެންގެ ވަށައިގެން ތިބީ ޕޯޗުގަލްގެ މޮޅެތި ކުޅުންތެރިން. ޕޯޗުގަލްގެ އެތައް މިލިއަން ބަޔަކު އަހަރެންނަށް ސަޕޯޓް ދިން. ތަށި ހޯދުމަށްޓަކައި އަހަރެން ހުރިހާ އެއްޗެއް ދިނިން" ރޮނާލްޑޯ ބުންޏެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ޕޯޗުގަލް އިން ސްވިޒަލެންޑް ބަލިކުރި މެޗުގެ ފުރަތަމަ އެގާރައިގައި ރޮނާލްޑޯ ހިމަނާފައެއްނުވެ އެވެ. އެ މެޗުން ޕޯޗުގަލް 6-1 އިން މޮޅުވިއިރު ރޮނާލްޑޯ ކުޅެން އެރީ ދެވަނަ ހާފުގަ އެވެ. ރޮނާލްޑޯ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދިނުމުން މީޑިއާގައި އެވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. ރޮނާލްޑޯ ޕޯޗުގަލް ޓީމު ދޫކޮށް އަނބުރާ ގައުމަށް ދާން އުޅުނުކަމާއި، ޓީމުގައި ރޮނާލްޑޯ ބާކީވެފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ހަބަރު ފެތުރި އެވެ.

ރޮނާލްޑޯ ބުނީ ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނަސް ޕޯޗުގަލް އަށް އޮތް ލޯބި އެންމެ ހިނދުކޮޅަކަށް ވެސް ބަދަލުނުވާ ކަމަށާއި، އަބަދުވެސް މަސައްކަތްކުރީ ގައުމުގެ ހައްގުގައި ކަމަށެވެ.

ފަސް ވޯލްޑް ކަޕްގައި ކުޅުނު 22 މެޗުގައި ރޮނާލްޑޯ ވަނީ އަށް ގޯލު ޖަހައި ދެ ގޯލު ޖަހަން މަގުފަހި ކޮށްދީފަ އެވެ. މިހާތަނަށް ޕޯޗުގަލް އަށް ކުޅުނު 196 މެޗުގައި ރޮނާލްޑޯ ވަނީ 118 ގޯލު ޖަހައިފަ އެވެ. ރޮނާލްޑޯ އަކީ ފުޓްބޯޅައިގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ޕޯޗުގަލްގެ ޓީމަށް ރޮނާލްޑޯ 10 ހެޓްރިކް ހަދައިދިން އިރު އެއީ ވެސް ދުނިޔޭގެ ރެކޯޑެކެވެ.

ޕޯޗުގަލްއާ އެކު ރޮނާލްޑޯ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 19-2018 ވަނަ ސީޒަނުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ވޯލްޑް ކަޕް ނިމި މި މަހުގެ ފަހުކޮޅު ކްލަބް ފުޓްބޯޅަ އަލުން ފަށާއިރު، ރޮނާލްޑޯ މިހާރު ވަނީ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލާފަ އެވެ. ރޮނާލްޑޯ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ސައުދީގެ ކްލަބަކުންނެވެ. އެކަމަކު އެވާހަކަތައް ރޮނާލްޑޯ ވަނީ ދޮގުކޮށްފަ އެވެ.